ވައުދުއްސާދިޤު 3 ގެ 19 ވަނަ ހަމަލަތައް މިރޭ އީރާނުން ކުރިއަށް ގެންދެއެވެ. އީރާނުން ބުނެފައި ވަނީ ހަމަލަތައް ދަމަހައްޓާނެ ކަމަށާއި މަގްސަދަކީ އިޒްރޭލުގެ އެތެރޭގައި ހަމަނުޖެހުން ދަމަހައްޓައި ނަތަންޔާހޫއާއި އޭނާގެ ބައިވެރިންނަށް ޕްރެޝާ ޖައްސާށެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕަސް އިން ބުނީ ހަމަލާތަކުގެ އާ އޮއިވަރުގައި އިޒްރޭލުގެ އުތުރުން ދެކުނަށް ހުރި ސްޓްރެޓެޖިކް ސައިޓްތަކަށް އަމާޒުކޮށްގެން ގިނަ އަދަދެއްގެ ޑްރޯންތައް ފޮނުވާފައިވާ ކަމަށެވެ.
އީރާނުގެ އިންގިލާބީ ސިފައިންގެ ތަރުޖަމާނު ވަނީ އަސްކަރީ އޮޕަރޭޝަން ކުރިއަށް ދާނެ ކަމަށާއި އަދި ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ބުނެ އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމަށް އިންޒާރު ދީފައެވެ.
އީރާނުގެ ސިފައިން މީގެ ކުރިން ބުނެފައި ވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކި ބާވަތުގެ ދިހަވަރަކަށް ޑްރޯން އިސްރާއީލާ ދިމާއަށް ފޮނުވާލާފައިވާ ކަމަށެވެ.

