ސައުތު ލޭކް އިސްލާމިކް ސެންޓަރާ ދެކޮޅަށް މުޒާހަރާތަކެއް، މުޖުތަމަޢު ދެބަޔަށް ބެހިއްޖެ

އިނގިރޭސިވިލާތުގެ ކަންބްރިއާގެ ޑެލްޓަން-އިން-ފަރނެސްގައި، ލޭކް ޑިސްޓްރިކްޓް ނޭޝަނަލް ޕާކް ކައިރީގައި އަޅަމުންދާ 2.5 މިލިއަން ޕައުންޑްގެ މިސްކިތުގެ މަޝްރޫޢާ ދެކޮޅަށް މުޒާހަރާތައް ކުރަން ފަށައިފިއެވެ.

އެ ސަރަޙައްދުގެ މީހުން ވަނީ ދެ ބަޔަކަށް ބެހިފައެވެ. "ސައުތު ލޭކް އިސްލާމިކް ސެންޓަރު" ގެ ނަމުގައި އަޅަމުންދާ މި މިސްކިތުގެ މަސައްކަތް ފެށިފައިވާ އިރު އެއް ބަޔަކު ބޭނުން ވަނީ، މިސްކިތް އެޅުން ހުއްޓާލާށެވެ. އަނެއް ބަޔަކު ބޭނުން ވަނީ މިސްކިތު މަސައްކަތް ކުރިއަށް ގެންދާށެވެ.

މި ޢިމާރާތަކީ ތިން ބުރީގެ އިސްލާމީ މަރުކަޒެކެވެ. މި މަޝްރޫޢަށް ހުއްދަ ދީފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ވަނީ ފަށާފައެވެ.

މި އިސްލާމިކް ސެންޓަރު ބިނާ ކުރުމަށް ތާއީދު ކުރާ ފަރާތްތަކުން ބުނަނީ، މި ސެންޓަރު ބިނާކުރަނީ ސަތޭކަ އާއިލާއަށް ޚިދުމަތްދިނުމަށް ކަމަށާއި، މި ސަރަޙައްދުގައި ނަމާދުކުރާނެ ތަނެއްގެ ބޭނުން ބޮޑު ވެފައިޥާ ކަމަށެވެ.

މި މަޝްރޫޢަށް ތާއީދުކުރާ ގްރޫޕްތަކުން ވަނީ، "ސްޓޮޕް ދަ ފަރ ރައިޓް" (ކަނާތުފިޔައިގެ ހައްދުފަހަނަޅާފައިވާ ފަރާތްތައް ހުއްޓުވާށޭ) ލިޔެފައިވާ ބޯޑުތަކާއެކު މުޒާހަރާކޮށް، "އިސްލާމިކް ސެންޓަރަށް މަރުޙަބާ" މިފަދަ ޝުޢޫރުތައް ހާމަކޮށްފައެވެ.

މި މިސްކިތް އެޅުމާ ދެކޮޅު ހަދާ ފަރާތްތަކުން މި ޢިމާރާތަށް ސިފަކުރަނީ "ބޮޑު ނުބައި އެއްޗެއް" ގެ ގޮތުގައެވެ. އަދި އެބައިމީހުން ބުނަނީ މި ސަރަޙައްދަށް މިފަދަ މިސްކިތެއްގެ ބޭނުންތެރިކަމެއް ނެތް ކަމަށެވެ. އެމީހުން ވަނީ އިނގިރޭސި ދިދަތަކާއި ޝުޢޫރުތައް ލިޔެފައިވާ ބޯޑު ހިފައިގެން މުޒާހަރާކޮށް، މާރާމާރީތައް ހިނގާފައެވެ.

މި މަޝްރޫޢު ފެށުމުގެ ކުރިން ޕްލޭނިންގ މަރުހަލާގައި 30 އަށް ވުރެ ގިނަ ފަރާތުން މިކަމާ ދެކޮޅު ހެދިނަމަވެސް، މި މަޝްރޫޢަށް ވަނީ ހުއްދަ ދީފައެވެ.

 

މިސްކިތް ބިނާ ކުރަން ސަޕޯޓު ކުރާ ބައެއް
މިސްކިތް ބިނާ ކުރުމަށް ސަޕޯޓް ކޮށް މުޒާހަރާ ކުރި މީހެއް
ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް