ޕާކިސްތާން ސިފައިންނަށް ހަމަލަ ދެނީ އައިސިސްއިން

ޕާކިސްތާނުގެ ސިފައިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ޒިންމާ އިސްލާމިކް ސްޓޭޓާ ގުޅުންހުރި ޖަމާޢަތްތަކުން ދަނީ ނަގަމުންނެވެ. މި ހަމަލާތައް ހިނގަމުންދަނީ ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދުގެ ސަރަހައްދު ވަކިކޮށްފައިވާ ޑޫރަންޑް ލައިންގެ ސަރަހައްދުގައެވެ. ޕާކިސްތާނުން ދަނީ، އައިސިސް އަފްޣާނިސްތާންގައި ހަރަކާތްތެރިވާ ކަމަށް ބުނަމުންނެވެ.

ޕާކިސްތާނުގެ ސިފައިންގެ ތެރޭން ބައެއް ފަރާތްތަކާ މި ހަމަނުޖެހުމުގެ ހުރިހައި ފަރާތަކާއެކު ގުޅުންތައް އޮވެއެވެ. އެހެންވެ ބައެއް ފަރާތްތަކުން މި ވާދަވެރި ޖަމާއަތްތަކުގެ މީހުން އަފްޣާނިސްތާނަށް ވަދެ ނިކުމެ ހެދުމަށް އެހީތެރިވެ ދޭ ކަމަށްވެސް އިންޓެލިޖެންސް ފަރާތްތަކުން ބުނެއެވެ.

ޕާކިސްތާނާއި އަފްޣާނިސްތާންގެ ބޯޑަރު ސަރަހައްދުގައި އެކި ގްރޫޕްތަކުގެ މެދުގައި އަނިޔާވެރި ހަރަކާތްތައް ހިނގަމުންދާ އެތައް ޒަމާނެއް ވެއްޖެއެވެ. މި ހަމަނުޖެހުމަކީ ގަބީލާތަކުގެ ވާދަވެރިކަމާއި، މަޒްހަބީ ވާދަވެރިކަން މެދުވެރިކޮށްދީފައިވާ ހަމަނުޖެހުންތަކެކެވެ.

އަދި ސަރަހައްދީ ބާރު ހޯދުމަށް އައިއެސްއިން ވެސް ތާލިބާނުންނާ ވާދަކުރަމުންދެއެވެ. ޕާކިސްތާނުގެ ސަލާމަތީ ބާރުތަކަށް މިހާރު ކުރިމަތި ވެފައިވާ ގޮންޖެހުމަކީ، ހަރުކަށި ފިކުރުގެ އެތައް ޖަމާޢަތްތަކެއްގެ ހަމަލާތަކާ ކުރިމަތިލާން ޖެހުމެވެ.

ޕާކސްތާންގައި ހަރަކާތްތެރިވާ ތަހްރީކޭ ތާލިބާން ޕާކިސްތާނުގެ ކުރީގެ މެންބަރުން ވެސް އައިއެސްގެ ސަފުތަކާ ގުޅެމުންދެއެވެ. މިފަދަ މީހުން ބަދަލު ކުރަމުން ދަނީ، ހަނގުރާމައިގެ ތަޖުރިބާއާއި ސަރަހައްދީ މަޢުލޫމާތެވެ. މިކަމުގެ ސަބަބުން އައިއެސްގެ ޤާބިލުކަން މި ސަރަހައްދުގައި އިތުރުވެގެން ހިނގައި ދާނެއެވެ.

ޕާކިސްތާންގެ އެތެރޭގައި އައިއެސްއައިއަށް ތާއީދެއް ނެތް ކަމަށް ސަރުކަރުގެ ފަރާތްތަކާއި ސިފައިން ބުނަމުން ދެއެވެ. ނަމަވެސް ބައެއް ހެކިތަކުން ދައްކާ ގޮތުގައި ނުރަސްމީ ސިފައެއްގައި އެމީހުންނަށް އެހީތެރިވާ ވިއުގަތައް ވުޖޫދުގައި އެބަހުއްޓެވެ. އަދި ހައްދުފަހަނައަޅާފައިވާ ފަރާތްތަކާއި ސިފައިންގެ ތެރޭގެ ފަރާތްތަކުގެ މެދުގައި ހަމްދަރުދީ ވުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ.

މިފަދަ ކަންކަމަކީ، ސަރަހައްދުގައި ޓެރަރިޒަމްގެ މަސައްކަތް ކޮންޓްރޯލު ކުރުމަށް ކުރެވޭ މަސައްކަތަށް ގޮން ޖެހުމަކަށް ވާނެ ކަމެކެވެ.

ހަމައެފަދައިން އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ވެސް އެގައުމުގައި އައިއެސްގެ މީހުން އުޅޭ ކަމަށް ޕާކިސްތާނުން ބުނާ ވާހަކަ ދެކޮޅު ހަދައެވެ. އަދި މިމީހުންނާ ހެދި ޕާކިސްތާނަށް އެތައް ދިމާއަކުން ޕްރެޝަރު ކުރިމަތިވެފައިވެއެވެ. އޮބްޒާވަރުން ފާހަގަ ކުރާ ކަމަކީ މިކަމުގެ ސަބަބުން އަލުން މި ޖަމާއަތް މިހިސާބުގައި ދިރިދާނެތީއެވެ.

ހިއްސާ ކުރައްވާ!
ގުޅުންހުރި ލިޔުންތައް