ފަލަސްޠީން ސަރުކާރު ވައްޓާލުމަށް އިސްރާއީލުގެ ސަލާމަތީ ވަޒީރު ގޮވާލައިފި

އިސްރާއީލުގެ ސަލާމަތީ ވަޒީރު އިތާމާރު ބެން ގްވީރު ވަނީ ފަލަސްޠީން ސަރުކާރު ވައްޓާލުމަށާއި އަދި ފަލަސްޠީނު ސަރުކާރަކީ، ޓެރަރިސްޓް ޖަމާއަތެއް ކަމަށް ސިފަކޮށް މަހުމޫދު އައްބާސްގެ ސަރުކަރު ރާމަﷲ އިން ބޭރުކޮށް އެތަން ހިފުމަށް ގޮވާލާފައެވެ.

މި ގޮވާލުން އައިސްފައިވަނީ ފަލަސްޠީނުގެ ރައީސް މަހުމޫދު އައްބާސް އަންނަ މަހު އދ. ގެ ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގަންނާނެ ތިއާއި އަދި އަންނަ މަހު ފަލަސްޠީން ދައުލަތަކަށް ބަދަލުކުރުމަށް ފަލަސްޠީނުން ނިންމަވާފައިވާ ކަމަށް އަރަބި މީޑިއާއިން ރިޕޯޓުކުރުމާ ގުޅިގެންނެވެ.

ބެން ގްވީރު ވަނީ އެކްސް ޕްލެޓްފޯމްގައި ކުރި ޕޯސްޓެއްގައި "އަބޫ މާޒިން (އައްބާސް) ގެ ފަލަސްޠީން ދައުލަތުގެ ހުވަފެންތަކަށް ދޭންޖެހޭ ޖަވާބަކީ މިއީ. އޭނާ އިސްކޮށް ހުރި ޓެރަރިސްޓް އޮތޯރިޓީ ނައްތާލަން ޖެހޭ" ކަމަށެވެ.

އިސްރާއީލުގެ ހޮލޮކޯސްޓް ހިންގާ ނަތަންޔާހޫގެ ސަރުކާރުގެ ވަޒީރުން ވަނީ ތަކުރާރުކޮށް ފަލަސްޠީން ސަރުކާރާ ދެކޮޅަށް ރައްޔިތުން ނިކުތުމަށް ގޮވާލައި، އެ އޮތޯރިޓީ އުވާލުމަށް އެދިފައެވެ. މީގެ ތެރޭގައި ފާއިތުވި ޖުލައި މަހު ފަލަސްޠީން ސަރުކާރާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލި ފޮރިން މިނިސްޓަރުވެސް ހިމެނެއެވެ.

އދ. ގެ މެންބަރު 193 ގައުމުގެ ތެރެއިން 148 ގައުމުން ވަނީ 1988 ވަނަ އަހަރު އަލްޖީރިއާގައި އިއުލާނުކުރި ފަލަސްޠީން ދައުލަތް ބަލައިގަނެފައެވެ. އަދި ފާއިތުވި ޖުލައި މަހު ނިއުޔޯކުގައި ބޭއްވި ދެ ދައުލަތުގެ ހައްލު ކޮންފަރެންސްގެ ނިންމުމުގައި ވަނީ ފަލަސްޠީން ދައުލަތް ބަލައިގަނެ، އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ގޮވާލާފައެވެ.

ހިއްސާ ކުރައްވާ!