ދަރިވަރު ރޭޕްކޮށް، ބަނޑު ދޮންނަން މަޖުބޫރު ކުރި މައްސަލައިގައި ޕްރިންސިޕަލް ހައްޔަރުކޮށްފި

ޕާކިސްތާނުގެ ރަވަލްޕިންޑީގައި ހުރި އަމިއްލަ އެކަޑަމީއެއްގެ ޕްރިންސިޕަލަކު ގްރޭޑް 10 ގެ ދަރިވަރަކު ތަކުރާރުކޮށް ރޭޕްކޮށް، އެ ކުއްޖާގެ ބަނޑުދޮވުމަށް މަޖުބޫރު ކުރި މައްސަލައިގައި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން މުޅި ޤައުމުގައި ވަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައެވެ. ފުލުހުންނަށް ދަރިވަރު ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ، ޕްރިންސިޕަލް އޭނާއަށް ޓިއުޝަން ނަގައި ދިން ކަމަށާއި އަދި އޭނާއާ ކައިވެނި ކުރާނެ ކަމަށްވެސް ވަޢުދުތަކެއްވެފައިވާ ކަމަށެވެ. އަދި އޭނާއަށް ތަކުރާރުކޮށް ޖިންސީ ގޯނާކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ. މީގެ ސަބަބުން ދެ ފަހަރެއްގެ މަތިން މަޖުބޫރުކޮށްގެން ޕްރިންސިޕަލް އޭނާއަށް ބަނޑު ދޮންނަ ބޭސް ދިން ކަމަށްވެސް ވަނީ ބުނެފައެވެ.

ރަވަލްޕިންޑީ ފުލުހުން ވަނީ މި މައްސަލައިގައި މުއްތަހިމު ހައްޔަރު ކޮށްފައިވާ ކަން ކަށަވަރުކޮށް ދީފައެވެ. "އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާއާއި ފުރައްސާރައަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން،" ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. އަދި މި މައްސަލައިގައި ވަރުގަދަ ޤާނޫނީ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ފެޑެރަލް ހިއުމަން ރައިޓްސް މިނިސްޓަރު އައުޒަމް ނަޒީރު ތަރާރު ވަނީ މި މައްސަލަ "ވަގުތުން ތަޙުޤީޤުކޮށް، ހާމަކަން ބޮޑު ގޮތެއްގައި" މައްސަލަ ބަލައި ނަތީޖާ ހާމަކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއްވެސް ފަރާތަކަށް ލުޔެއް ނުދީ  އިންސާފު ހޯދައިދޭންޖެހޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނުގައި ޖިންސީ އަނިޔާގެ މައްސަލަތަކަކީ އާންމު މައްސަލައެކެވެ. ރޭޕް ކުރުމާ ދެކޮޅަށް އެކުލަވާލާފައިވާ ގާނޫނަށް، 2020 ވަނަ އަހަރު ގެނައި އިސްލާހުތަކަށް ފަހުވެސް ރޭޕްގެ މައްސަލަތަކުގައި ކުށްވެރިވާ މިންވަރު ވަނީ އެންމެ 0.5 ޕަސެންޓުގައެވެ.

ހިއްސާ ކުރައްވާ!