ސްރީ ލަންކާ އަށް އެރި ތޫފާން "ދީތުވާ" އިން ހާލުގައި މީހުންނަށް އެހީވުމަށް ރާއްޖެއިން ފޮނުވި 25،000 މަސްދަޅު ކޭސް އެ ގައުމާ މިއަދު ހަވާލުކޮށްފި އެވެ. މަސްދަޅު ކޭސް ސްރީ ލަންކާއާ މިއަދު މެންދުރު ފަހު ހަވާލުކޮށްދެއްވީ ރާއްޖެ އިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ. މި ތަކެތި ގެންދިޔައީ ރާއްޖޭގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ގަލެނާ ކާގޯ ބޯޓުގައި 14 ކޮންޓެއިނަރު ގައެވެ.
ސްރީ ލަންކާ ސަރުކާރުގެ ފަރާތުން މި އެހީއާ ހަވާލުވެ ވަޑައިގަތީ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ އޮޕަރޭޝަންސް ޑިރެކްޓަރ ބްރިގޭޑިއާ ރޮޝާން ދަރުމަވިކްރަމަ އާއި ވެސްޓަން ނޭވަލް އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރ އަރުނަ ވިޖެވަރްދަނާ އަދި ލަންކާގެ ފޮރިން މިނިސްޓްރީގެ ޑިޕިއުޓީ ޑިރެކްޓަރ ޑަޔާނާ ޕެރާރާ އެވެ.
ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު ވަނީ ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ވެސް ލަންކާ ސަރުކާރާ ހަވާލުކޮށްދެއްވާފަ އެވެ. މި ފައިސާގެ އެހީ ހަވާލުކޮށް ދެއްވީ ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތުއާ އެވެ.
މީގެ އިތުރުން، ސަރުކާރާއި މީޑިއާ ގުޅިގެން ބޭއްވި "ސިލޯނާއެކު ދިވެހީން" ގެ ޓެލެތޯނުން ވެސް 12.3 މިލިއަން ރުފިޔާ ލިބުނެވެ. އަދި ވިޔަފާރިވެރިންނާއި، އަމިއްލަ ކުންފުނިތަކުންވެސް ވަނީ ފައިސާގެ އެހީ ފޯރުވައި ދީފަ އެވެ.





