އިމްރާން ޚާންގެ އާއިލާއިން ޖަލު ބޭރުގައި ހަޅުތާލުގައި؛ ބައްދަލު ކުރާކަށް ނުދޭ

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ އާއިލާގެ އަންހެން ކަނބަލުންނާއި، އޭނާގެ ޕާޓީ، ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ގެ ލީޑަރުން ރާވަލްޕިންޑީގެ އަދިޔާލާ ޖަލުގެ ބޭރުގައި އިހުތިޖާޖުކުރަން ފަށައިފިއެވެ. މި މީހުން އިހުތިޖާޖު ކުރާ ސަބަބަކީ، ކޯޓުން ޚާންއާ ބައްދަލު ކުރުމަށް ސަރުކާރަށް އެންގިނަމަވެސް ސަރުކާރުން އާއިލާގެ މެމްބަރުންނާ އިމްރާން ޚާނާ ބައްދަލުކުރުމަށް ފުރުސަތު ނުދިނުމެވެ.

މި އިހުތިޖާޖު ކުރުމުގައި އިސްކޮށް ހުންނެވީ އިމްރާން ޚާންގެ ކޮއްކޯ އަލީމާ ޚާން އެވެ. އަލީމާ ޚާން ވަނީ ޝާރީފް އާއިލާގެ ސަރުކާރަށް ފާޑު ވިދާޅުވެ، ޖަލުގެ އޮފިޝަލުން ގާނޫނުއަސާސީގައި ބަޔާން ކުރާ ހައްގުތަކާއި ކޯޓު އަމުރުތަކާ ހިލާފުވެފައި ކަމަށް ތުހުމަތުކުރައްވާފައެވެ.

ޕީޓީއައިގެ މެންބަރުން ބުނާ ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން އަންގާރަ ދުވަހާއި ބުރާސްފަތި ދުވަހު އިމްރާން ޚާނާ ބައްދަލުކުރަން ހުއްދަ ދީފައި އޮތް ނަމަވެސް، އެތައް ފަހަރެއްގެ މަތިން ބައްދަލުކުރުން ވަނީ ހުއްޓުވާފައެވެ. އަލީމާ ޚާން ފާހަގަކުރެއްވި ގޮތުގައި، އިމްރާން ޚާނަށް އޭނާގެ އަމިއްލަ ޑޮކްޓަރާ ބައްދަލުކުރަން ވެސް 14 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަންދެން ހުއްދަ ނުދީ ހިފަހައްޓާފައި ވެއެވެ.

މުޒާހަރާގެ ބައިވެރިން އަދިޔާލާ ޖަލާ ގާތްގަނޑަކަށް އެއް ކިލޯމީޓަރު ދުރުގައި ހުންނަ ގޯރަކްޕޫރު މާކެޓް ކައިރިން މުޒާހަރާ ކުރަމުން ދިޔުމަށް ފުލުހުންގެ ބާރަކުން ވަނީ އެމީހުން ހުއްޓުވާފައެވެ. އަލީމާ ޚާން ވަނީ މި ހާލަތާ ގުޅިގެން ސަރުކާރަށް ބަހުގެ ހަމަލަތަކެއް ދެއްވާފައެވެ. "އަހަރެމެން މިތަން ދޫކޮށްފައި ނުދާނަން؛ އެމީހުންނަށް އަހަރެމެންގެ ގައިގައި ލަޓިބުރިން ތެޅިއަސް ހެޔޮ. ބަޑި ވެސް ޖެހިދާނެ.،" އަލީމާ ވިދާޅުވިއެވެ.

އިމްރާން ޚާންގެ މައްސަލައަކީ ސިޔާސީ މައްސަލައަކަށް ވުރެން ބޮޑަށް އޭނާއާ ސިފައިންގެ އިސްވެރިންނާ ދެމެދުގެ ޒާތީ މައްސަލައެކެވެ. ސިފައިންގެ ތަރުޖުމާން ވަނި އިމްރާން ޚާނަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދައްކަވާފައެވެ.

ޕީޓީއައިގެ ލީޑަރުން ވިދާޅުވާ ގޮތުގައި ޖަލުގެ އޮފިޝަލުން މިވަނީ ކޯޓުގެ އަމުރުތައް ބޮލ؛ާލައި ޖަހާފައެވެ. ނަމަވެސް، ޖަސްޓިސް މިނިސްޓަރ ނަޒީރު ތަރާރު ވިދާޅުވީ، ކުރީގެ ބައްދަލުވުންތަކުގައި އިމްރާން ޚާން ސިޔާސީ މަޝްވަރާތައް ކުރައްވާފައިވާތީ ބައްދަލުވުންތައް ކުރިއަށް ގެންދިއުން ސަރުކާރުން މަނާކުރީ ކަމަށެވެ. އަދި، ސިފައިންގެ ތަރުޖަމާނު ވަނީ އިމްރާން ޚާނަކީ "ނަފްސާނީ ގޮތުން ބަލި" މީހެއް ކަމަށް ސިފަކުރައްވައި އޭނާގެ އަގު ވައްޓާލުމަށް މަސައްކަތް ކުރައްވާފައެވެ. ޚައިބަރު ޕަޚްތޫންޚްވާގެ ޗީފް މިނިސްޓަރު ސުހައިލް އަފްރީދީއަށް ވެސް އިމްރާން ޚާނާ ބައްދަލުކުރުމުގެ ފުރުސަތު ނުދީ ނުވަ ފަހަރު ހުއްޓުވާފައި ވެއެވެ.

ހިއްސާ ކުރައްވާ!