އެކި ސަބަބުތަކާ ހުރެ ނުފުރިފައި ތިބި 164 ޢުމްރާވެރިން ސަރުކާރުގެ އެހީގައި ފުރައިފި

ޢުމްރާއަށް ފުރުމުގައި އެކި ސަބަބުތައް ދިމާވެގެން ނުފުރިފައި ތިބި 164 ޢުމްރާވެރިން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ އެހީތެރިކަމާއެކު ރޭ ސަޢުދީ ޢަރަބިއްޔާއަށް ފުރައިފިއެވެ. މި ޢުމްރާވެރިން ފުރާފައިވަނީ މޯލްޑިވިއަންގެ ޚާއްޞަ ޗާރޓާރޑް ފްލައިޓެއްގައެވެ.

މި ރަމަޟާން މަހު ޢުމްރާއަށް ދިއުމަށް އަލްއަބްރާރު ޙައްޖު އެންޑް ޢުމްރާ ގްރޫޕަށް ފައިސާ ދައްކާފައިވާ 150 މީހުންގެ ތެރެއިން ބައެއްގެ ދަތުރުތައް އެ ގްރޫޕުން ވަނީ ޤަވާއިދާ ޚިލާފަށް ކެންސަލްކޮށްފައެވެ. އެ ގްރޫޕުން ދަތުރުތައް ކެންސަލްކުރީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅުވައިގެން ކަމަށް ބުނި ނަމަވެސް، އިސްލާމިކް މިނިސްޓްރީން ވަނީ އެއީ މަޖުބޫރު ސަބަބެއް ނެތި ޤަވާއިދާ ޚިލާފަށް ކުރި ކަމެއް ކަމަށް ކަނޑައަޅާފައެވެ.

މި މައްސަލައާ ގުޅިގެން، ނުފުރި ތިބި ހުރިހާ ޢުމްރާވެރިން ފުރުވުމުގެ އިންތިޒާމް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިރުޝާދު ދެއްވާފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، "ސަރުކާރުގެ އެހީތެރިކަމާއެކު މި ފަރާތްތަކަށް ޢުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުޞަތު މިހާރު ފަހިވެފައިވާ" ކަމަށެވެ.

މިމައްސަލަ ބެލި ބެލުމުން އެނގުނީ އަބްރާރުން ދަތުރު ކެންސަލް ކޮށްފައި ވަނީ މަގުބޫލު އެއްވެސް ސަބަބެއް ނެތި، ރާއްޖެ އިން މީހުން އުމްރާ އަށް ގެންދިއުމުގެ އުސޫލާ ހިލާފަށްކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

"މި ސަބަބަށްޓަކައި، މި ކުންފުންޏަށް ދޫކުރެވިފައިވާ ދިވެހިރާއްޖެ އިން މީހުން އުމްރާ އަށް ގެންދިއުމާ ބެހޭ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައި، އެކަން އެ ކުންފުންޏަށް މިހާރު ވާނީ އަންގައިފަ އެވެ،" މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވެ އެވެ.

ޙައްޖު ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި، ރޭ ފުރި މީހުންގެ ތެރޭގައި އަމިއްލަ ގްރޫޕަކުން ޢުމްރާއަށް ގެންދިއުމަށް ފައިސާ ނެގުމަށްފަހު އިންތިޒާމުތައް ހަމަޖައްސާފައި ނުވާ 30 މީހަކުވެސް ހިމެނެއެވެ. މި އެންމެންނަކީވެސް އެކި ސަބަބުތަކާ ހުރެ ޢުމްރާގެ ދަތުރު ހަމަނުޖެހި ތިބި ފަރާތްތަކެވެ.

މި ދަތުރަކީ ޢުމްރާވެރިންނަށް ދިމާވި ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޚާއްޞަ މަސައްކަތެކެވެ. މީގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުގައި ތިބި ޢުމްރާވެރިންނަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެއެވެ.

ހިއްސާ ކުރައްވާ!