ޕާކިސްތާނާއި އަފްޣާނިސްތާނު ގުޅޭ ބޯޑަރު ސަރަހައްދުގައި ޕާކިސްތާނު ސިފައިން ކުރިއަށްގެންދާ "އޮޕަރޭޝަން ޣަޒަބް ލިލްހައްޤު" ގެ ދަށުން، އަފްޣާން ތާލިބާނުންގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. ޒޯބް ސެކްޓަރުގައި ހުރި ތާލިބާނުންގެ ދެ މަރުކަޒަކަށް އަމާޒުކޮށް ދިން މި ހަމަލާތަކާ ގުޅިގެން، ތާލިބާނުން ވަނީ އެމީހުންގެ ހަތިޔާރާއި ސާމާނުތައް ދޫކޮށް އެ ސަރަހައްދުން ފިލާފައި ކަމަށް ޕާކިސްތާނުން ބުނެއެވެ.
ސަލާމަތީ ބާރުތަކުން މައުލޫމާތު ދޭ ގޮތުގައި، ހުސްކޮށްފައިވާ މި މަރުކަޒުތަކުން ރަޝިޔާގައި އުފައްދާފައިވާ ބަރު ހަތިޔާރުތައް ފެނިފައިވެއެވެ. ޕާކިސްތާނު ސިފައިން ދަނީ އަރަންދޫ އަދި ޚުއްރަމް ސެކްޓަރުގައި ތާލިބާނުންނާއި ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އާ ދެކޮޅަށް ރައްދު ހަމަލާ ދެމުންނެވެ. މި އޮޕަރޭޝަންގެ މަގްސަދުތައް ހާސިލްވަންދެން ހަމަލާތައް ކުރިއަށްދާނެ ކަމަށް ޕާކިސްތާން ސަލާމަތީ މަސްދަރުތަކުން ބުނެއެވެ.
ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު އަތާއުﷲ ތަރާރު ވިދާޅުވީ، އަފްޣާނިސްތާނުގެ ދިފާއީ ވުޒާރާއިން ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ޕްރޮޕެގެންޑާ ތަކެވެ. އަދި އާންމުން މަރުވަމުންދާ ކަމަށް ބުނެ އދ. އިން ނެރެފައިވާ ރިޕޯޓުތަކަކީ ތާލިބާން ސަރުކާރުން ދޭ މައުލޫމާތުގެ މައްޗަށް ބިނާކޮށްފައިވާ ދޮގު ރިޕޯޓުތަކެއް ކަމަށް ވިދާޅުވެ އެކަން ދޮގުކުރެއްވިއެވެ. "އަފްޣާން ތާލިބާނުންނާއި ޓެރަރިސްޓް ޖަމާއަތްތަކާ ދެމެދު ގުޅުން އޮތްކަމުގެ ހެކި އެބަހުރި،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ޗަމަން ސެކްޓަރުގައި ބޯޑަރު ހުރަސްކުރަން އުޅުނު ހަނގުރާމަވެރިންގެ ގްރޫޕަކަށް ޕާކިސްތާނު ސިފައިން ވަނީ ހަމަލާދީފައެވެ. މި ކުރިމަތިލުމުގައި އެކަކު މަރުވެފައިވާއިރު، އެމީހުންގެ އަތުން ގޮވާތަކެއްޗާއި ބޯޑަރު ފެންސް ކަނޑަން ބޭނުންކުރާ ސާމާނު ފެނިފައިވެއެވެ. ޕާކިސްތާނުން ބުނާ ގޮތުގައި މި ހަމަލާތަކުގައި މިހާތަނަށް އަފްޣާން ތާލިބާނުންގެ 641 މީހުން މަރުވެ، 855 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
މި އޮޕަރޭޝަންގެ ތެރޭގައި ތާލިބާނުންގެ 243 ޗެކްޕޯސްޓާއި، 219 އަސްކަރީ ޓޭންކާއި އުޅަނދުތައް ހަލާކުކޮށްލާފައިވާ ކަމަށް ޕާކިސްތާނުގެ އަސްކަރީ ތަފާސްހިސާބުތަކުން ދައްކައެވެ. ޕާކިސްތާނުން ބުނަނީ އެގައުމުގެ ރައްކާތެރިކަމަށްޓަކައި ބޯޑަރު ސަރަހައްދުގައި ހިންގާ މިފަދަ ހަރަކާތްތައް ހުއްޓާނުލާނެ ކަމަށެވެ.






