ނަޖީބަށް 165 އަހަރުގެ ހުކުމެއް، އެކަމަކު ތަންފީޒު ކުރަން ޖެހޭނީ 15 އަހަރު

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް 1އެމްޑީބީ ކޮރަޕްޝަންގެ މައްސަލައިގައި އިތުރު 15 އަހަރުގެ ޖަލު ހުކުމެއް އެ ގައުމުގެ ހައިކޯޓުން އިއްވައިފިއެވެ. ކޯޓުން މި ހުކުމް އިއްވީ އޭނާގެ މައްޗަށް އުފުލާފައިވާ 25 ދައުވާއެއް ސާބިތުވުމާ ގުޅިގެންނެވެ.

ކޯޓުން އިއްވި ހުކުމްތަކުގައި ޖަލަށް ލާން ޖެހޭ އަދަދު ޖުމްލަ 165 އަހަރަށް އެރި ނަމަވެސް، ފަނޑިޔާރު ވަނީ އެ ހުކުމްތައް އެއްފަހަރާ ތަންފީޒު ކުރުމަށް އަމުރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ހަތަރު ދައުވާއަކަށް ކޮންމެ ދައުވާއަކަށް 15 އަހަރާއި، މަނީ ލޯންޑަރިންގެ 21 ދައުވާއަކަށް ކޮންމެ ދައުވާއަކަށް ފަސް އަހަރުގެ ޖަލު ހުކުމެވެ. މި ހުކުމްތައް އެއްފަހަރާ ހިނގާގޮތަށް ހަމަޖެއްސުމުން ނަޖީބު ތަންފީޒު ކުރަން ޖެހޭނީ 15 އަހަރުގެ ޖަލު ހުކުމެކެވެ.

ޖަލު ހުކުމުގެ އިތުރުން، ނަޖީބު 11.4 ބިލިއަން ރިންގިޓުން ޖޫރިމަނާކޮށް، މަނީ ލޯންޑަރިންގެ ގާނޫނުގެ ދަށުން އިތުރު 2.08 ބިލިއަން ރިންގިޓު ދެއްކުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި ފައިސާ ނުދައްކައިފިނަމަ އިތުރު 270 މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. މި އައު ހުކުމް ތަންފީޒު ކުރަން ފަށާނީ އެސްއާރުސީ އިންޓަނޭޝަނަލް މައްސަލައިގައި މިހާރު އޭނާ ތަންފީޒު ކުރަމުންދާ ހަ އަހަރުގެ ޖަލު ހުކުމް ނިމުމުންނެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރު ކޮލިން ލޯރެންސް ސެކުއެރާ ވިދާޅުވީ، މި ހުކުމް އިއްވުމުގައި އާންމު މަސްލަހަތަށާއި، މިފަދަ ކުށްތައް ތަކުރާރުވިޔަ ނުދިނުމަށާއި، ކުށުގެ ސީރިއަސްކަމަށް ރިއާޔަތްކޮށްފައިވާނެ ކަމަށެވެ. ނަޖީބުގެ ވަކީލުން މި ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް އެދިފައެއް ނުވެއެވެ.

ހުކުމަށްފަހު ނަޖީބު ނެރުއްވި ބަޔާނެއްގައި، މެލޭޝިއާގެ ރައްޔިތުން ކެތްތެރިކަމާއެކު ތިއްބެވުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި އޭނާގެ މަސައްކަތަކީ ގާނޫނީ ހަމަތަކުގެ މަތިން ޝަރީއަތުގައި ކުރިއަށްދާ މަސައްކަތެއް ކަމަށާއި، ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!