އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން، ސޯމާލިއާ ދަރިކޮޅުގެ އެމެރިކާ ރައްޔިތުންގެ ރަށްވެހިކަން ހޯދުމުގެ މައްސަލަތައް އަލުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ތަހުގީގުގެ ބޭނުމަކީ ރަށްވެހިކަން ހޯދުމުގައި އެއްވެސް އޮޅުވާލުމެއް ހިމެނޭތޯ ބަލައި، އެފަދަ ކަމެއް ފާހަގަވެއްޖެ ނަމަ އެ މީހެއްގެ ރަށްވެހިކަން ބާތިލުކުރުމެވެ.
ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީގެ އެސިސްޓަންޓް ސެކްރެޓަރީ ޓްރީޝާ މެކްލޮގްލިން ވައިޓް ހައުސް މެދުވެރިކޮށް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، "އެމެރިކާގެ ގާނޫނު ބުނާގޮތުން މީހަކު އޮޅުވާލައިގެން ރަށްވެހިކަން ހޯދައިފި ނަމަ، އެއީ އެ މީހެއްގެ ރަށްވެހިކަން އަތުލުމަށް އޮތް ސަބަބެއް" ކަމަށެވެ. މި ފިޔަވަޅަކީ ހިޖުރަވެރިންނާ މެދު ޓްރަމްޕް ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތަކުގެ ތެރެއިން ފެށި މަސައްކަތެކެވެ.
އެމެރިކާގައި ރަށްވެހިކަން އަތުލުމަކީ ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ. އަދި އެއީ ގިނަ އަހަރުތަކެއް ނަގާ ގާނޫނީ މަރުހަލާއެކެވެ. އިމިގްރަންޓް ލީގަލް ރިސޯސް ސެންޓަރުގެ ހިސާބުތަކުން ދައްކާގޮތުގައި 1990 އާއި 2017 އާ ދެމެދު އަހަރަކު ބަލާފައިވަނީ އެވްރެޖްކޮށް މިފަދަ 11 މައްސަލައެވެ. ނަމަވެސް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ހިޖުރަވެރިން ބޭރުކުރުމާއި، ވިސާ އާއި ގްރީން ކާޑު ބާތިލުކުރުމުގެ މަސައްކަތް ވަނީ އިތުރުކޮށް ވަރުގަދަކޮށްފައެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ޓްރަމްޕްގެ މި ސިޔާސަތުތަކަށް ފާޑުކިޔަމުންދެއެވެ. އެ ޖަމާއަތްތަކުން ބުނާ ގޮތުގައި މިއީ ގާނޫނީ އިޖުރާއަތްތަކާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އޮތް ހުރަހެކެވެ. ނަމަވެސް ޓްރަމްޕާއި އޭނާގެ ބައިވެރިން ވިދާޅުވަނީ މި ފިޔަވަޅުތަކުގެ މަގްސަދަކީ ގައުމުގެ އެތެރޭގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަކުރުން ކަމަށެވެ.
މީގެ އިތުރުން، ފެޑަރަލް އޮފިޝަލުން ވަނީ މިނެސޯޓާ ސްޓޭޓްގައި ދިރިއުޅޭ ސޯމާލިއާ ދަރިކޮޅުގެ މީހުން، އިޖުތިމާއީ އެހީގެ ގޮތުގައި ދޭ މިލިއަނުން ގުނާލެވޭ ޑޮލަރަށް އޮޅުވާލައިގެން ހިޔާނާތްތެރިވާ ކަމަށް ތުހުމަތުކޮށްފައެވެ. ހިޖުރަވެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ބުނަނީ، ސަރުކާރުން މި ތަހުގީގުތައް ބޭނުންކުރަނީ ސޯމާލިއާގެ ހިޖުރަވެރިންނަށް އަމާޒުކޮށް ދަތިކުރުމުގެ ބަހަނާއެއްގެ ގޮތުގައި ކަމަށެވެ.







