ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު އޮތް ގުޅުން އެކި ދާއިރާތަކުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ގައުމުގެ މެދުގައި މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްދިޔައީ ދިވެހިރާއްޖެއިން ތުރުކީވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް، ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ ފޮރިން އެފެއާޒް ކޮމިޓީގެ މުގައްރިރު އޮނަރަބަލް ފުއާތު އޮކްޓޭއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
އަންކާރާގައި ހުންނަ ތުރުކީގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، ތުރުކީ ސަރުކާރުން ރާއްޖެއަށް ދެއްވާ އެއްބާރުލުމާއި ބަހައްޓަވާ ގާތްކަމަށްޓަކައި ސަފީރު ޢަބްދުއްރަޙީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ. ވަކިން ހާއްސަކޮށް، 2024 ވަނަ އަހަރު ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކުރެވުނު ފަހުން ދެ ގައުމުގެ ގުޅުމަށް އައިސްފައިވާ ބޮޑެތި ކުރިއެރުންތައް ސަފީރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ސަފީރު ވަނީ ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގާނޫނު ހަދާ މަޖިލީހުގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި، އެކި ދާއިރާތަކުން ތުރުކީން ރާއްޖެއަށް ދެމުންދާ އެހީތެރިކަމަށް ތައުރީފު ކުރައްވާފައެވެ. ފޮރިން އެފެއާޒް ކޮމިޓީގެ މުގައްރިރު ފުއާތު އޮކްޓޭގެ ވާހަކަފުޅުގައި، ދިވެހި ސަފީރަށް މަރުހަބާ ދަންނަވައި، އެކި ދާއިރާތަކުން ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ތުރުކީވިލާތުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މި ބައްދަލުވުމުގައި ސަފީރުގެ އަރިހުގައި ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑަރ ޢަބްދުލްވާރިސް ސަޢީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.




