ޖެނުއަރީ މަހަކީ ނިއުޔޯކުގެ "މުސްލިމް އެމެރިކަން ހެރިޓޭޖް މަސް" ކަމުގައި ކަނޑައަޅައިފި

ޖަނަވަރީ މަހަކީ ނިއުޔޯކު ސްޓޭޓްގައި "އެމެރިކާ މުސްލިމު ދަރިކޮޅުގެ ތަރިކަ ފާހަގަ ކުރާ" މަހުގެ ގޮތުގައި ރަސްމީކޮށް ނިއުޔޯކް ސްޓޭޓްގެ ގަވަރަނަރު ކެތީ ހޯކުލް، އިޢުލާނު ކުރައްވައިފިއެވެ. މިއީ އެމެރިކާގެ މުސްލިމުންގެ ސަގާފަތާއި ތާރީޚީ ތަރިކަ އަދި މުސްލިމު މުޖުތަމަޢުން ކުރަމުންދާ ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި އެކަން ފާހަގަ ކުރެއްވުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ.

މި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، ހުކުރު ދުވަހުގެ ރޭ ނިއުޔޯކް ސްޓޭޓްގެ ފާހަގަކޮށްލެވޭ 16 ބިނާއެއް ވަނީ ފެހި ކުލައިން ދިއްލާލާފައެވެ. އޭގެ ތެރޭގައި ނިއުޔޯކްގެ މަޝްހޫރު ނިއަގަރާ ފޯލްސް އެމްޕަޔަރ ސްޓޭޓް ޕްލާޒާ، އަދި ގަވަރަނަރު މާރިއޯ ކޫމޯ ބްރިޖް ފަދަ މުހިންމު ތަންތަން ހިމެނެއެވެ. މީގެ އިތުރުން އަލްބަނީ އިންޓަނޭޝަނަލް އެއާޕޯޓާއި، ގްރޭންޑް ސެންޓްރަލް ޓާމިނަލް ވެސް ވަނީ ފެހި ކުލައިން އުންޖާލުކޮށްފައެވެ.

ގަވަރަނަރު ކެތީ ހޯކުލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ނިއުޔޯކަކީ އެމެރިކާގައި އެންމެ ގިނަ އަދަދަކަށް މުސްލިމުން ދިރިއުޅޭ ސްޓޭޓަށް ވާއިރު، މުސްލިމް މުޖުތަމަޢުތަކުގެ ސަގާފަތާއި އާދަކާދަތަކާއި، އަދި އެ މީހުން ގެންގުޅޭ މަތިވެރި އުސޫލުތަކުގެ އަގުވަޒަންކުރުމަކީ ނިއުޔޯކަށް ލިބޭ ފަޚުރެއް ކަމަށެވެ.

މީގެ އިތުރުން ގަވަރަނަރުގެ ބަޔާނުގައި ވަނީ، ނިއުޔޯކަކީ އަބަދުވެސް އުއްމީދާއި، ކެތްތެރިކަމާއި، އަދި އެންމެން ބައިވެރިކުރުމުގެ ނަމޫނާ ސްޓޭޓެއްގެ ގޮތުގައި ދެމިއޮންނާނެ ސްޓޭޓެކެވެ. އަދި މުސްލިމުންނާ މެދު އޮންނަ ނުބައި ތަޞައްވުރުތަކާއި އިސްލާމޯފޯބިއާގެ ނަފްރަތާއި، އަދި އެކި ކަހަލަ ތަފާތުކުރުންތަކުން މުސްލިމް މުޖުތަމަޢު ހިމާޔަތްކުރުމުގައި ނިއުޔޯކް ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.

ހިއްސާ ކުރައްވާ!