އަންދަލުސް ގެއްލުމުން މުޅި އިންސާނިއްޔަތަށް ކުރި ނޭދެވޭ އަސަރުތައް

އަންދަލުސްގެ އިސްލާމީ ދައުލަތް ވެއްޓިގެން ދިޔުމަކީ ހަމައެކަނި މުސްލިމުންނަށް ލިބުނު ދެރައެއް ނޫނެވެ. އެއީ މުޅި އިންސާނިއްޔަތަށް ކުރިމަތިވި ބޮޑު ކާރިސާއެކެވެ. ގްރަނާޑާ (ޣަރްނާޠާ) ވެއްޓުމާއެކު، ދުނިޔޭގެ ތާރީޚުގެ މިސްރާބު ބަދަލުވެ، އިންސާނިއްޔަތާ ދެކޮޅަށް އެތައް ޖަރީމާތަކެއް ހިންގުމަށް ހުދު މީހުންނަށް މަގުފަހިވެގެން ދިޔައެވެ.

  • އަންދަލުސްގެ ޚިލާފަތު ވެއްޓުމަށްފަހު، ސްޕެއިންގެ ބާރުގެ ދަށަށް އެ ސަރަހައްދު ދިޔުމުން، ޔޫރަޕްގެ އިސްތިޢުމާރީ ދަތުރުތަކަށް އާ ދިރުމެއް ލިބުނެވެ.
    މިގޮތުން އެމެރިކާ ބައްރު ހޯދުމުގެ ނަމުގައި ހިންގުނު ހަރަކާތްތަކަކީ އޭގެ ނަތީޖާއެކެވެ. މިކަމުގެ ސަބަބުން ޔޫރަޕްގެ ޚަޒާނާތައް ރަނާއި ރިހިން ފުރިގެން ދިޔައިރު، އެމެރިކާގެ އަސްލު ވަޒަންވެރިންނަށް ކުރިމަތިލާން ޖެހުނީ ބޮޑު ގަތުލުއާންމުތަކަކާއެވެ. އެތައް މިލިއަން އިންސާނުންނެއްގެ ފުރާނަ މި ދަހިވެތިކަމުގެ ތެރޭގައި ގެއްލިގެން ދިޔައެވެ.
  • ޔޫރަޕްގެ ހުދު މީހާއަށް ކޭޕް އޮފް ގުޑް ހޯޕު ވަށައިގެން ދުތުރު ކުރެވިދާނެ ކަން އެނގި އެ މައުލޫމާތު ހޯދުނެވެ. އެއަށްފަހު އިންޑިއާ ބައްރު ފަދަ ހިސާބުތަކަށް އެމީހުންގެ އިސްތިއުމާރީ ދަތުރުތައް ފެށިއެވެ.

އެފްރިކާގެ އަޅުވެތިކަމާއި އިސްލާމީ އުންމަތަށް ކުރި އަސަރު

  • އަންދަލުސް ގައި ޚިލާފަތު ވެއްޓުމުގެ ސަބަބުން އެފްރިކާގެ އުތުރާއި ހުޅަނގުގެ ސަރަހައްދުތައް އިސްތިޢުމާރީ ބާރުތަކުގެ ކުރިމަތީގައި ނިކަމެތިވެގެން ދިޔައެވެ.
    ތާރީޚީ ދިރާސާތަކުން ދައްކާގޮތުގައި، އެފްރިކާއިން އަޅުންގެ ގޮތުގައި ވަގަށް ނަގައިގެން ގޮސް އެމެރިކާގެ ބާޒާރުގައި ވިއްކާލި ގިނަ މީހުންނަކީ މުސްލިމުންނެވެ. މިގޮތުން 50 މިލިއަނާއި 100 މިލިއަނާ ދެމެދުގެ އަދަދަކަށް މީހުން އަޅުވެތިކޮށް، އިންސާނިއްޔަތާ ޚިލާފު އަނިޔާތައް ދެވުނެވެ. މިއީ އަންދަލުސްގެ މުސްލިމުން ސާބިތުވެ ތިބިނަމަ ހުއްޓުވޭނެ ކަންކަމެވެ.

މުސްލިމުންގެ މުގައްދަސް ބިނާތަކަށް އޮތް ނުރައްކާ

  • އަންދަލުސް ހިފުމަށްފަހު، އިސްތިޢުމާރީ ބާރުތަކުން ރޭވީ ހަމައެކަނި ބިންތައް ހިފާކަށެއް ނޫނެވެ. އެމީހުންގެ އަމާޒު ހުރީ ރަތްކަނޑުގެ ތެރެއިން ވަދެ، މުސްލިމުންގެ އެންމެ މުގައްދަސް ބިނާ ކަމުގައިވާ ކައުބަތުﷲ ގެފުޅު މުގުރާލުމަށާއި، ކީރިތި ރަސޫލާ ﷺ ގެ ރައުޟާފުޅަށް ގެއްލުން ދިނުމަށެވެ. މިއީ އިސްލާމީ އުންމަތުގެ މައިބަދަ ބިންދާލުމަށް ރޭވުނު ނުރައްކާތެރި ރޭވުމެކެވެ.
  • މި މީހުން ހަބްޝް ކަރަ ހިފިއެވެ. އަދި ރެޑްސީ އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ.

އިންކުއިޒިޝަން ކޯޓުތަކާއި ދީނީ އަނިޔާވެރިކަން

  • އަންދަލުސް ގެއްލުމަށްފަހު އެތަނުގައި ތިބި މުސްލިމުންނަށް ކުރިމަތިލާން ޖެހުނު 'އިންކުއިޒިޝަން' ނުވަތަ މުސްލިމެއްތޯ ކަށަވަރު ކުރުމަށް ހިންގި ތަހުގީގީ ކޯޓުތަކަކީ އިންސާނީ ތާރީޚު ދުށް އެންމެ އަނިޔާވެރި އެއް ސަފުހާއެވެ.
    މަޖުބޫރުން ދީން ބަދަލުކުރުވުމާއި، ކުޑަކުދިން މައިންބަފައިންގެ އަތުން ފޭރިގަތުމާއި، ލާއިންސާނީ އަދަބުތައް ދިނުމަށް މުސްލިމުން ދިރި ތިއްބާ އަންދާލުމަކީ އެއިރު އާންމު ކަންކަމެވެ.
    މިއަދުވެސް އިންސާނިއްޔަތު އެކަމުގެ ހިތި އަސަރު ތަހައްމަލު ކުރަމުންދާ މި ހާދިސާތަކަކީ އަންދަލުސްގެ ބިންގާ ލޮޅުމުގެ ނަތީޖާއެވެ.

އަންދަލުސް ގެއްލުމަކީ ހަމައެކަނި ޖިއޮގްރަފީ ގޮތުން ބިމެއް ގެއްލުމެއް ނޫނެވެ. އެއީ ދުނިޔޭގެ އަދުލުވެރިކަމާއި، އިންސާނީ ކަރާމާތް ހިމާޔަތްކޮށްދީފައި އޮތް ބޮޑު އައްޑަނައެއް ފުނޑުފުނޑުވެގެން ދިޔުމެވެ. އޭގެ ސަބަބުން ކުރިމަތިވި އިސްތިޢުމާރީ އަޅުވެތިކަމާއި، ގަތުލުއާންމުތަކުގެ އަސަރު މިއަދާ ހަމައަށްވެސް ދުނިޔެއިން ފެންނަން އެބަހުއްޓެވެ. މުސްލިމުން އިތުރު 50 އަހަރަށް ސްޕެއިން ތިބި ނަމަވެސް މުސްލިމުން އެމެރިކާއަށް ދަތުރުކުރީހެވެ. އަދި ދުނިޔެ އޮންނާނީ މިއަދު މިފެންނަ ގޮތާ ޚިލާފަށެވެ.

ހިއްސާ ކުރައްވާ!