މިނެކިރުމުގައި ކައްޓާއަށް ސަމާލު ވަނީ ކިތައް މީހުންބާ؟

އިސްލާމްދީނަކީ އިންސާފާއި އަމާނާތްތެރިކަމުގެ ދީނެވެ. މީސްތަކުންގެ މެދުގައި ކުރެވޭ މުޢާމަލާތްތަކުގައި ޢަދުލުވެރިވުމަށާއި، މީހުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް ކީރިތި ޤުރުއާނާއި ސުންނަތުގައި ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ. ނަމަވެސް މިއަދުގެ މުޖުތަމަޢަށް ބަލާލާއިރު، އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ކުދިކުދި ކަންތައްތަކަކީ އެއާ މެދު ސުވާލު ނުކުރެވޭނެ ކަންކަން ކަމުގައެވެ.

މިކަމާ ގުޅޭގޮތުން ޢިބްރަތުން ފުރިގެންވާ ވާހަކައެއް ވެއެވެ.

ވިޔަފާރިވެރިއަކު ނިޔާވުމަށްފަހު، އޭނާގެ އަޚާއަށް ހުވަފެނުން އޭނާ ފެނުނެވެ. އޭނާ ފެނުނުއިރު، އޭނާއަށް ލިބެމުންދާ ގަދަފަދަ ޢަޛާބުގެ ސަބަބުން މޫނުމަތިން ދާތިކިތައް އޮހެމުންދެއެވެ. އޭނާގެ އަޚާ ސުވާލުކުރިއެވެ. "އޭ އަޚާއެވެ! ތިބާއަށް ކިހިނެއްވީ ހެއްޔެވެ؟ ތިބާއަކީ ނަމާދުކޮށް، ރޯދަހިފައި، ޒަކާތްދީ އަދި ޙައްޖުގެ މަތިވެރި އަޅުކަންވެސް އަދާ ކޮށްއުޅުނު މީހެއް ނޫންހެއްޔެވެ؟ ތިބާއަށް މިފަދަ ޢަޛާބެއް މި ލިބެނީ ކީއްވެގެން ހެއްޔެވެ؟"

އެ ވިޔަފާރިވެރިޔާ ޖަވާބުގައި ބުންޏެވެ. "ﷲ ތަޢާލާ އަހަރެންނާ ހިސާބު ކުރެއްވީ އަހަރެންގެ ހިތަށްވެސް އަރާފައިނުވާ ކަމަކާ މެދުގައެވެ. އެއީ އަހަރެން މީސްތަކުންނަށް އެއްޗެތި މިނެ ކިރައި ވިއްކާއިރު، ކިރާލުމުގެ ކުރިން ކައްޓާގެ ތަށި ފޮހެލާފައި ނުވާތީއެވެ." ކައްޓާގެ ތަށީގައި ހުންނަ ކުޑަ ހިރަފުސްކޮޅެއް ނުވަތަ ކުރިން ކިރާފައި ހުރި އެއްޗެއްގެ ކުޑަ މިންވަރެއްގެ ސަބަބުން، ކިރާ އެއްޗަށް އަންނަ ކުޑަކުޑަ ބަދަލާ އެކު އަނެކާގެ ހައްގަށް އުނިކަން އަންނަކާމެދުވެސް ﷲ ތަޢާލާ ހިސާބު ކުރައްވާނެކަން މިއީ ކޮންމެ މީހަކުމެ ސަމާލުވާންޖެހޭނެ ކަމެކެވެ.

މިކަން ކަށަވަރުކޮށްދެނީ ކީރިތި ޤުރުއާނުގެ އަންބިޔާ ސޫރަތުގެ 47 ވަނަ އާޔަތުގައެވެ.

﴿47﴾ وَنَضَعُ الْمَوَازِينَ الْقِسْطَ لِيَوْمِ الْقِيَامَةِ فَلَا تُظْلَمُ نَفْسٌ شَيْئًا ۖ وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا ۗ وَكَفَىٰ بِنَا حَاسِبِينَ

މާނައަކީ: "ތިމަންރަސްކަލާނގެ ޤިޔާމަތް ދުވަހުން ޢަދުލުވެރިކަމުގެ ތިލަފަތްތައް ޤާއިމް ކުރައްވާހުށީމެވެ. ފަހެ، އެއްވެސް ނަފްސަކަށް، އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. އަދި އެއީ ރެވިއޮށްޓަރެއްގެ ބަރުދަން ކަމުގައިވިޔަސް، އެ، ގެންނަވާހުށީމެވެ. ހިސާބު ބައްލަވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ފުދެއެވެ."

ވިސްނާލަންވީ ކަމަކީ، ކައްޓާގެ ތަށި ނުފޮހޭ މިންވަރުގެ ކުޑަ ކަމަކާ މެދު ﷲ ތަޢާލާ ހިސާބު ކުރައްވާއިރު، މީހުން މަރައި މީހުންގެ ހައްގަށް އަރައިގަންނަ މީހުންނާ މެދު ކަންތައް ކުރައްވާނީ ކިހިނެއް ބާވައެވެ؟

މީސްތަކުންގެ މުދަލަށް އަރައިގަނެ، ވައްކަންކޮށް ފޭރޭ މީހުންނާ މެދު ހިސާބު ކުރައްވާނީ ކިހިނެއް ބާވައެވެ؟

މީހުންގެ އަބުރު ކަތިލައި، ޤައުމާއި މުޖުތަމަޢު ފަސާދަކުރާ މީހުންގެ ޙާލަކީ ކޮބައިބާވައެވެ؟

ދުނިޔޭގެ މުދަލަށް ދަހިވެތިވެ، ވާރުތަ މުދާ ނުޙައްޤުން ކައިއުޅޭ މީހުންނާއި، ﷲ ގެ ދީނާ ދެކޮޅަށް މަސައްކަތްކުރާ މީހުންނަށް އޮތީ ކޮންފަދަ ނުބައި ޖަޒާއެއް ބާވައެވެ؟

ވިޔަފާރީގެ މުޢާމަލާތްތަކުގައާއި ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އަމާނާތްތެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ކައްޓާއަށް ސަމާލުވުމުގެ މާނައަކީ ހަމައެކަނި ތަކެތި މިނެ ކިރުމެއް ނޫނެވެ. އެއީ މީހުންގެ ޙައްޤުތަކަށް ފުރިހަމައަށް ރައްކާތެރިވުމެވެ. ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް، އަނެކާގެ ޙައްޤަކަށް އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން ދުރުހެލިވުމެވެ. އާޚިރަތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްވުމަށްޓަކައި، މިއަދު އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައި "ކައްޓާ" ހަމަހަމަކުރަން އެބަޖެހެއެވެ.

ހިއްސާ ކުރައްވާ!