މާލޭގައި ހުރި ދުވަސްވީ މިސްކިތެއް ކަމަށްވާ މަސްޖިދުއްޒިކުރާ ހުރި ބިމުގައި، އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ މިރޭ އަޅައިފިއެވެ. މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.
މި މަޝްރޫޢަކީ މާލެ ސަރަޙައްދުގައިވާ ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޖާގަ ތަނަވަސް، ޒަމާނީ މިސްކިތްތަކެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްދާ މަޝްރޫޢެކެވެ. އަމިއްލަ ފަރާތެއްގެ ދީލަތީ އެހީގައި ބިނާކުރާ މި މިސްކިތަކީ ތިން ފަންގިފިލާއަށް ފަރުމާކުރެވިފައިވާ ބިނާއެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދޭ ގޮތުގައި، މި މިސްކިތުގެ ޢަމަލީ މަސައްކަތް ކުރިއަށް އޮތް ރަމަޟާން މަސް ނިމުމާއެކު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މިސްކިތް ނިމުމުން އެއް ފަހަރާ 1500 މީހުންނަށް ނަމާދު ކުރެވޭނެ ޖާގަ ތަނަވަސްވެގެންދާނެއެވެ.
ޒަމާނީ ފަރުމާއަށް ބިނާކުރާ މި މިސްކިތުގައި ނަމާދަށް އަންނަ ފަރާތްތަކަށް އަރާފޭބުމަށް ފަސޭހަވާނެހެން ލިފްޓު ވެސް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މާލެ ސަރަޙައްދުގައި އެޅިގެންދާނެ އެންމެ ޖާގަ ތަނަވަސް އަދި ފުރިހަމަ އެއް މިސްކިތަށް ވެގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
![]()






