ސުލައިމާން އަލްޤާނޫނީ ނުވަތަ ސުލައިމާން ދަ މެގްނިފިސެންޓަކީ އުސްމާނީ ޚިލާފަތުގެ އެންމެ ވަރުގަދަ އަދި އެންމެ ނުފޫޒުގަދަ އެއް ސުލްޠާނެވެ. އެ ސުލްތާންގެ ވެރިކަމުގައި އިސްލާމީ އުންމަތުގެ ބާރު ދުނިޔޭގެ އެކި ކޮޅުތަކަށް ފެތުރިގެން ދިޔައެވެ. ހަމައެކަނި އަސްކަރީ ގޮތުންނެއް ނޫނެވެ. އަޚްލާޤީ ގޮތުންނާއި އިޖުތިމާޢީ ގޮތުންވެސް އެސުލްތާނަކީ ވަރަށް ވަރުގަދަ އުސޫލުތަކެއް ގެންގުޅުއްވި ބޭފުޅެކެވެ.
ސުލްޠާން ސުލައިމާންގެ ދުވަސްވަރު، ފަރަންސޭސިވިލާތުގެ ރަސްކަމުގައި ފިރިހެނުންނާއި އަންހެނުން މައްސުނިވެ ނެށުމުގެ އާދައެއް ފެށިގެން ދިޔައެވެ. މިކަމަކީ އޭރުގެ މުޖުތަމަޢުތަކުގައި، ޚާއްޞަކޮށް އިސްލާމީ މުޖުތަމަޢުތަކުގައި ބަލައިގަނެވުނު ކަމެއް ނޫނެވެ. ޢާންމު ތަންތަނުގައި ފިރިހެނުންނާއި އަންހެނުން ބައްދައިގެން ނެށުމަކީ އަޚްލާޤީ ގޮތުން ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައި ސުލްޠާނަށް ފެނިވަޑައިގަތެވެ.
ފަރަންސޭސިންގެ ނާޗަރަންގީގެ ޚަބަރު ސުލްޠާން ސުލައިމާނަށް ލިބިވަޑައިގަތުމާއެކު، ވަގުތުން ފަރަންސޭސިވިލާތުގެ ރަސްގެފާނަށް ސިޓީފުޅެއް ފޮނުއްވިއެވެ. އެ ސިޓީފުޅުގައި ބަޔާންކުރައްވާފައިވަނީ، ފަރަންސޭސިވިލާތުގެ ރައްޔިތުން ޢާންމު ތަންތަނުގައި ހަޔާތްކުޑަ ގޮތްގޮތަށް ނަށަމުންދާ ކަމުގެ މަޢުލޫމާތު ތިމަން ސުލްތާނަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ފަރަންސޭސިވިލާތަކީ އުސްމާނީ އިސްލާމީ ދައުލަތާ އިންވެގެން އޮންނަ ޤައުމަކަށް ވުމާއެކު، އެފަދަ ނޭދެވޭ ބަދުއަޚްލާޤީ ކަންކަން އިސްލާމީ ދައުލަތުގެ ތެރެއަށް ފެތުރިދާނެ ކަމުގެ ބިރު އޮތް ކަމަށް ވިދާޅުވިއެވެ.
ސުލްޠާންގެ ސިޓީފުޅުގައި ވަރަށް ސަރީޙަކޮށް ވިދާޅުވެފައިވަނީ، އެ ސިޓީފުޅު ލިބުމާއެކު ވަގުތުން އެފަދަ ހަޔާތްކުޑަ ނެށުންތައް ހުއްޓުވަން ފަރަންސޭސި ރަސްކަމަށް ޖެހޭނެ ކަމަށެވެ. އަދި އެކަން ނުހުއްޓުވައިފިނަމަ، ސުލްޠާން އަމިއްލަފުޅަށް ސިފައިންނާއެކު ވަޑައިގެން އެކަން ހުއްޓުވާނެ ކަމުގެ އިންޒާރު ދެއްވިއެވެ. މިއީ އޭރު އުސްމާނީ ދައުލަތުގެ ބާރު ހުރި މިންވަރު ދައްކުވައިދޭ ކަމެކެވެ.
އޮސްޓްރިއާގެ މަޝްހޫރު ތާރީޚީ ޢިލްމުވެރިޔާ ހެމަރް ލިޔުއްވާފައިވާ ގޮތުގައި، ސުލްޠާން ސުލައިމާންގެ މި އިންޒާރަށްފަހު ފަރަންސޭސިވިލާތުގައި އެފަދަ ނެށުންތައް މުޅިން ހުއްޓާލެވުނެވެ. އަދި ގާތްގަނޑަކަށް 100 އަހަރު ވަންދެން ފަރަންސޭސިވިލާތުގައި އެފަދަ ކަންކަން ކުރަމުންދިޔައީ ވަރަށް ސިއްރުވެރި ގޮތެއްގައެވެ. މިއީ އިސްލާމީ ވެރިއެއްގެ ހައިބަތާއި ނުފޫޒުން އެހެން ޤައުމުތަކުގެ އަޚްލާޤީ މިންގަނޑުތަކަށް އައި ބަދަލެކެވެ.
ސުލައިމާން އަލްޤާނޫނީގެ މި ޢަމަލުން ދޭހަވަނީ، އެކަލޭގެފާނަކީ ހަމައެކަނި ބިންތައް ފަތަޙަކުރެއްވި ބޭފުޅެއް ނޫން ކަމެވެ. އެއީ މުޖުތަމަޢުގެ އަޚްލާޤީ ސިފަތައް ހިމާޔަތްކުރުމަށް އިސްކަންދެއްވި، އަދި ދީނީ އަދި އިޖުތިމާޢީ އަގުތައް ދެމެހެއްޓުމަށް މަސައްކަތްކުރެއްވި ވަރުގަދަ ޝަޚްޞިއްޔަތެކެވެ.
މިއަދުގެ މުސްލިމުން ވެރިން މިތިބެނީ ކޮންފަރެންސްތައް ބާއްވައި ކުށްވެރިކޮށް ބަޔާންތައް ނެރެ، ބޮޑު ށައިތާނަށް ކުރުނީސްކޮށްގެންނެވެ.







