އެމެރިކާއާ ދެކޮޅަށް ވިލާތުގެ ސިފައިން ގްރީންލޭންޑަށް އަރަން ފަށައިފި

ގްރީންލެންޑު ހިފަން ޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަމުންދާ ދަނޑިވަޅެއްގައި، ވިލާތުގެ ގައުމުތަކުގެ  ސިފައިން ފުރަތަމަ ފަހަރަށް ގްރީންލެންޑަށް ދާން ފަށައިފި ކަމަށް ޖަރުމަނުގެ "ބިލްޑް" ނޫހުން ރިޕޯޓްކޮށްފިއެވެ.

މި ރިޕޯޓުގައިވާ ގޮތުން، ޑެންމާކުގެ އަސްކަރީ މަތިންދާބޯޓެއް ރޭގެ ވަގުތެއްގައި ގްރީންލެންޑްގެ ވެރިރަށް ނޫކްގެ އެއާޕޯޓަށް ވަނީ ޖައްސާފައެވެ. މި ބޯޓުގައި ތިބީ ޑެންމާކުގެ ސިފައިންގެ އިތުރުން ފަރަންސޭސިވިލާތުގެ ސިފައިންގެ މަންދޫބުންނެވެ.

މީގެ އިތުރުން، ޑެންމާކުގެ "ހަރކިއުލިސް" މަރުކާގެ އެހެން މަތިންދާބޯޓެއް ގްރީންލެންޑްގެ ހުޅަނގުގައި އޮންނަ ކަންގަރްލުސުއާގް އެއާޕޯޓަށް ވަނީ ޖައްސާފައެވެ. ރިޕޯޓްތައް ބުނާގޮތުން މި ދެ ބޯޓުވެސް ދަތުރުކޮށްފައިވަނީ އެ ބޯޓުތައް ހުރި ތަން ދެނެގަނެވޭ "ޓްރާންސްޕޮންޑަރުތައް" ނިއްވާލައިގެން ސިއްރުވެރި ގޮތަކަށެވެ.

"ބިލްޑް" ނޫހުން ރިޕޯޓްކުރާ ގޮތުގައި، ޖަރުމަނުވިލާތުގެ ފުރަތަމަ 13 ސިފައިން ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ނޫކްއަށް ދާނެ ކަމަށް ބެލެވެއެވެ. މި މިޝަންގައި ޖަރުމަނުގެ އިތުރުން އިނގިރޭސިވިލާތް، ކެނެޑާ، ނެދަލޭންޑްސް، ނޯވޭ އަދި ސްވިޑަން އިން ބައިވެރިވެއެވެ. މި ހުރިހާ ގައުމުތަކަކީ ނޭޓޯގެ މެންބަރުން ކަމަށްވީ ނަމަވެސް، މި ހަރަކާތްތައް ކޯޑިނޭޓް ކުރަމުންދަނީ ޑެންމާކުގެ ވެރިރަށް ކޯޕަންހޭގަންއިން ވަކިންނެވެ.

ޓްރަމްޕްގެ ބަޔާންތަކާ ގުޅިގެން ފާއިތުވި ދުވަސްތަކުގައި ސިއްރިއްޔާތުގައި ކުރިއަށްދިޔަ މި ތައްޔާރީތަކަށް އަމަލީ ސިފައެއް އައިސްފައިވަނީ، ބުދަ ދުވަހު ޑެންމާކާއި ގްރީންލެންޑް އަދި އެމެރިކާއާ ދެމެދު ކުރެވުނު މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެންނެވެ.
ޖެނުއަރީ 14 ވަނަ ދުވަހު ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ، ޑެންމާކުން އެކަމާ ދެކޮޅު ހެދި ނަމަވެސް، ގްރީންލެންޑް އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަށް އެ ގައުމުން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ

ހިއްސާ ކުރައްވާ!