ޗައިނާއިން އަލަށް އެކުލަވާލާ އެއްބައިވަންތަ ކަމުގެ ގާނޫނުން ޗައިނާގެ މައި ސަގާފަތް ޕްރޮމޯޓު ކުރަނީ

ޗައިނާއިން އަލަށް އެކުލަވާލަން މަސައްކަތްކުރާ "ޕްރޮމޯޓިން އެތުނިކް ޔުނިޓީ އެންޑް ޕްރޮގްރެސް" ނުވަތަ ނަސްލީ އެއްބައިވަންތަކަމާ ބެހޭ ގާނޫނުގެ ސަބަބުން، އެ ގައުމުގައި ދިރިއުޅޭ ކުދި ނަސްލުތަކުގެ އަމިއްލަވަންތަކަން ގެއްލި، ޗައިނާގެ މައި ސަގާފަތުގެ ތެރެއަށް އެ މީހުން ވައްދަފާނެ ކަމުގެ ބިރު އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ފާޅުކުރަން ފަށައިފިއެވެ.

މި ގާނޫނުގެ ދަށުން ޗައިނާގައި ދިރިއުޅޭ ޓިބެތު މީހުންނާއި، އުއިގޫރު މުސްލިމުންގެ އިތުރުން މޮންގޯލިއަން ދަރިކޮޅުގެ މީހުންގެ ސަގާފީ އަދި ދީނީ އަމިއްލަވަންތަކަން ނައްތާލުމަށް ކުރާ މަސައްކަތްތަކަށް ގާނޫނީ ހައިސިއްޔަތު ލިބިގެންދާނެ ކަމަށް މުހައްލިލުން ބުނެއެވެ. މި ބިލުގައި ބޮޑަށް ބާރުއަޅާފައިވަނީ "ޗައިނާގެ ގައުމިއްޔަތުގެ ވަރުގަދަ އިހުސާސެއް އުފެއްދުމަށެވެ."

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި ބަދަލުގެ ސަބަބުން ކުދި ނަސްލުތަކުގެ އަމިއްލަ ބަހުން ތައުލީމު ދިނުމާއި، ދީނީ އަޅުކަންތައް ކުރުމާއި، އަދި ސަގާފީ ހަރަކާތްތައް ހިންގުމަށް މިހާރަށްވުރެ ބޮޑަށް ހުރަސްތައް ކުރިމަތިވާނެއެވެ. މިއީ މައިގަނޑު އެއް ގައުމިއްޔަތެއްގެ ދަށަށް ހުރިހާ ނަސްލުތަކެއް ގެނައުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

މި ނިންމުމުގެ ސަބަބުން ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާތަކާ ޗައިނާ ދެކޮޅުވާކަން ހާމަވާ ކަމަށް އޮބްޒާވަރުން ބުނެއެވެ. އަދި މިއީ ބައިނަލްއަގުވާމީ ފާޑުކިޔުންތަކުން ސަލާމަތްވުމަށްޓަކައި، ގައުމުގެ އިސްތިގުލާލުގެ މާނަ އަމިއްލައަށް ބަދަލުކޮށް، ހުދުމުހުތާރު ވެރިކަމެއް ދެމެހެއްޓުމަށް ކުރާ ކަމެއްގެ ގޮތުގައި ވެސް ވަނީ ފާހަގަކޮށްފައެވެ.

މި ގާނޫނަކީ މުޅި އިންޑޯ ޕެސިފިކް ސަރަހައްދުގެ އުސޫލުތަކަށް ބަދަލު ގެނައުމަށް ޗައިނާއިން ކުރާ ފުޅާ މަސައްކަތުގެ ބައެއް ކަމަށް ބެލެވެއެވެ. މި ސަރަހައްދަކީ ނަސްލީ އަމިއްލަވަންތަކަމާއި މިނިވަންކަމުގެ މައްސަލަތަކަކީ ވަރަށް ނާޒުކު މައްސަލަތަކެއްގެ ގޮތުގައި އޮތް ސަރަހައްދެކެވެ.

ހިއްސާ ކުރައްވާ!