ޓައިވާން ވަށައިގެން ޗައިނާގެ 36 އަސްކަރީ ބޯޓާއި 8 މަނަވަރު ހަރަކާތްތެރިވާން ފަށައިފި

ޗައިނާގެ ބާޣީ ސަރަހައްދު ޓައިވާންގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދާއި ވައިގެ ސަރަހައްދުގައި ޗައިނާގެ އަސްކަރީ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ޓައިވާންގެ މިނިސްޓްރީ އޮފް ނޭޝަނަލް ޑިފެންސް (އެމްއެންޑީ) އިން ބުދަ ދުވަހު ރިޕޯޓްކޮށްފިއެވެ. އެ މިނިސްޓްރީން ހާމަކުރި ގޮތުގައި، ހެނދުނު 6 ޖެހުމާ ހަމައަށް ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) ގެ 36 މަތިންދާބޯޓާއި، އަށް މަނަވަރުގެ އިތުރުން ރަސްމީ އެއް އުޅަނދު ޓައިވާން ކައިރީގައި ވަނީ ފާހަގަކުރެވިފައެވެ.

އެމްއެންޑީން ބުނި ގޮތުގައި، ފާހަގަކުރެވުނު 36 މަތިންދާބޯޓުގެ ތެރެއިން 24 ބޯޓެއް ވަނީ ޓައިވާން ކަނޑުއޮޅީގެ މެދު ރޮނގު (މީޑިއަން ލައިން) ހުރަސްކޮށް، ޓައިވާންގެ އުތުރު، މެދު، ހުޅަނގު ދެކުނު އަދި އިރުމަތީގެ އެއާ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯން އަށް ވަދެފައެވެ. ޓައިވާންގެ ސިފައިން މި ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އެކަށީގެންވާ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެކްސްގައި އެމްއެންޑީން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ޗައިނާގެ މި އަމަލުތަކަކީ ޓައިވާނަށް ފިއްތުންތައް ކުރިމަތިކުރުމުގެ ގޮތުން ކުރިއަށްގެންދާ އަމަލުތަކެއް ކަމަށެވެ. އަދި މިފަހަރުގެ އަމަލުތަކަކީ ޓައިވާންގެ އޭޑީއައިޒެޑްގެ ގިނަ ސަރަހައްދުތަކަކަށް ފެތުރިގެންދިޔަ، ބޮޑު ހަރަކާތެއްކަން އެ މިނިސްޓްރީން ފާހަގަކުރިއެވެ.

މިއީ ޗައިނާގެ އަސްކަރީ ހަރަކާތްތައް މިގޮތަށް އިތުރުވި ޖެހިޖެހިގެން އައި ދެވަނަ ދުވަހެވެ. އަންގާރަ ދުވަހުވެސް ޓައިވާނުން ވަނީ ޗައިނާގެ 28 މަތިންދާބޯޓެއް ފާހަގަކޮށްފައެވެ. އޭގެ ތެރެއިން 21 ބޯޓެއް މެދު ރޮނގު ހުރަސްކޮށް، ޗައިނާގެ މަނަވަރުތަކާއެކު ކަނޑާއި ވައިގެ ގުޅިފައިވާ ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

ޗައިނާއާއި ޓައިވާނާ ދެމެދު އޮންނަ ނުތަނަވަސްކަން މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޗައިނާއިން ދެކޭ ގޮތުގައި ބަޣާވާތަކުން ވަކި ވެގަތުމަށް އުޅޭ ޓައިވާނަކީ އެގައުމުގެ ވަކިނުކުރެވޭނެ ބައެކެވެ. ނަމަވެސް ޓައިވާނުން އަމިއްލަ ސަރުކާރަކާއި،ސިފައިންނާއި އިގްތިސާދެއް ބަލަހައްޓަމުން ގެންދަނީ މިނިވަން ޑިމޮކްރެޓިކް ގައުމެއްގެ ގޮތުގައެވެ.

ބެއިޖިންގްއިން ޓައިވާނަށް ދެމުންދާ އަސްކަރީ ފިއްތުންތަކުގެ ބޭނުމަކީ ޓައިވާންގެ ސަރަހައްދީ ހަމަޖެހުން އިމްތިހާނު ކުރުމެވެ.

ހިއްސާ ކުރައްވާ!