ޕެރަގުއޭއިން، ޓައިވާނާ ގުޅުން ކަނޑާލުމަށް ޗައިނާއިން ހުށަހަލައިފި

ދެކުނު އެމެރިކާގައި ޗައިނާގެ ބާޣީ ޕްރޮވިންސް ޓައިވާނާއެކު ސިޔާސީ ގުޅުން ބާއްވާ ހަމައެކަނި ގައުމު ކަމަށްވާ ޕެރަގުއޭގެ ނުފޫޒުގަދަ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ތާއީދު ހޯދުމަށް ޗައިނާއިން މަސައްކަތްތަކެއް ފަށައިފިއެވެ. ޖަޕާން ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗައިނާއިން ދަނީ ޕެރަގުއޭގެ ސިޔާސީ ބޭފުޅުންނަށް ހުރިހާ ޚަރަދެއް ހަމަޖައްސާފައިވާ ހޭލުންތެރި ކުރުމުގެ ދަތުރުތަކާއި، ސިޔާސީ ގޮތުން އަމާޒުކޮށްގެން ހިންގާ ހަރަކާތްތަކުގެ ޒަރީއާއިން އެ ގައުމުގެ ސިޔާސީ ފަންތީގެ ވިސްނުން ބަދަލުކުރުމަށް މަސައްކަތް ކުރަމުންނެވެ.

މި ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ ޕެރަގުއޭއިން އެތައް އަހަރެއް ވަންދެން ބާޣޙީ ސަރަހައްދު ޓައިވާނާއެކު ބާއްވަމުން އަންނަ ގުޅުން ކަނޑާލައި، ބެއިޖިންއާ ގުޅުން ގާއިމުކުރުމަށް މަގުފަހިކުރުމެވެ. މިއީ ބައިނަލްއަގުވާމީ މައިދާނުގައި ޓައިވާން އެކަހެރިކުރުމަށް ޗައިނާއިން ގެންގުޅޭ ވިސްނުމުގެ ބައެއް ކަމަށް ބެލެވެއެވެ.

ޕެރަގުއޭގެ އިދިކޮޅު ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ލޭޑީ ގަލެއާނޯ ދާދިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅަށްފަހު ވިދާޅުވީ، ޓައިވާނާއެކު ގުޅުން ބޭއްވުމުގެ ސަބަބުން ޕެރަގުއޭއަށް އިގްތިސާދީ ބޮޑެތި ފުރުސަތުތަކެއް ގެއްލެމުންދާ ކަމަށެވެ. ސައޮ ޕައުލޯގައި ހުންނަ ޗައިނާ ކޮންސިއުލޭޓް މެދުވެރިކޮށް އިންތިޒާމުކުރި މި ދަތުރުގައި، ލަގްޒަރީ ހޮޓާތަކާއި، ބޮޑެތި ޖާފަތްތަކުގެ އިތުރުން ޗައިނާގެ މަޝްހޫރު ބިނާތަކަށް ޒިޔާރަތްކުރުން ހިމެނެއެވެ.

އަލަށް އުފެދުނު 'ޔޯ ކްރެއޯ' ޕާޓީގެ މެންބަރު ގަލެއާނޯ ފާހަގަކުރެއްވި ގޮތުގައި، ޗައިނާގެ އޮފިޝަލުންގެ މެސެޖަކީ ވަރަށް ސާފު މެސެޖެކެވެ. އެއީ ބެއިޖިންއާއެކު ގުޅުން ގާއިމުކުރުމުން ޕެރަގުއޭއަށް ލިބޭނެ ފައިދާ މާ ބޮޑުވާނެ ކަމުގެ މެސެޖެވެ.

ޕެރަގުއޭއަކީ މިހާރު ޓައިވާން ބަލައިގަންނަ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. އެހެންކަމުން ޕެރަގުއޭގެ ތާއީދު ގެއްލުމަކީ ޓައިވާނަށް ލިބޭނެ ވަރަށް ބޮޑު ހީނަރުކަމެކެވެ. ފާއިތުވި އަހަރުތަކުގައި ޓައިވާނުގެ ގިނަ އެކުވެރި ގައުމުތަކަކުން ވަނީ ޓައިވާނާ ގުޅުން ކަނޑާލައި ޗައިނާއާ ގުޅިފައެވެ.

ޓައިވާނުން ވަނީ ޕެރަގުއޭގެ ތަރައްގީއަށް ވަރަށް ބޮޑަށް އެހީތެރިވެފައެވެ. އޭގެ ތެރޭގައި ޕެރަގުއޭގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތް ފަދަ އުމްރާނީ މަޝްރޫއުތައް ހިމެނެއެވެ. ނަމަވެސް، ޗައިނާގެ އިގްތިސާދީ ބާރުގަދަވަމުންދާ ވަރަކަށް، ޓައިވާނުގެ އެހީތަކަށްވުރެ ޗައިނާއިން ހުށަހަޅާ ވިޔަފާރީގެ ފުރުސަތުތަކާއި އިންވެސްޓްމަންޓްތަކަށް ސިޔާސީ ބޭފުޅުންގެ ސަމާލުކަން ދަނީ އިތުރުވަމުންނެވެ.

ޕެރަގުއޭގައި ދެން ބާއްވާ އިންތިޚާބަކީ މިކަމުގައި ވަރަށް ނިންމުންތެރި އިންތިޚާބަކަށް ވާނެއެވެ. ޗައިނާއަށް ތާއީދުކުރާ ފަރާތްތަކަށް ބާރު ލިބިއްޖެނަމަ، ޕެރަގުއޭއިން ޓައިވާނާ ގުޅުން ކަނޑާލުމަކީ ވަރަށް ގާތް ކަމެކެވެ. މިއީ ލެޓިން އެމެރިކާ ސަރަހައްދުގައި ޗައިނާގެ ނުފޫޒު އިތުރަށް ގަދަވެގެންދާނެ ބަދަލެކެވެ.

ހިއްސާ ކުރައްވާ!