ގައްދޫ ތުނޑު ކުނާ އދ. ގެ މައި މަރުކަޒުގައި ބަހައްޓައިފި

އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ސަގާފީ އުފެއްދުމެއް ކަމަށްވާ ތުނޑު ކުނަލެއް ބަހައްޓައިފި އެވެ. މިއީ ރާއްޖޭގެ އުފެއްދުމެއް އދ. ގެ މައި މަރުކަޒުގައި ދާއިމީ ގޮތެއްގައި ބެހެއްޓި ފުރަތަމަ ފަހަރެވެ.

އދ. ގެ މައި މަރުކަޒުގައި ބެހެއްޓި މި ތުނޑު ކުނާ މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ އަލީ ނަސީރު މުހައްމަދު އެވެ. އެއީ ގައްދޫ ބޭފުޅެކެވެ. މި ކުނަލަކީ ދިވެހިރާއްޖެއިން އދ. އަށް ހަދިޔާކުރި ހަނދާނީ ހަދިޔާއެކެވެ.

މި ތުނޑު ކުނަލަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، ދިވެހިރާއްޖެ އދ. ގެ މެންބަރަކަށް ވީތާ 60 އަހަރު ފުރުމުގެ ހަނދާނުގައި ދިވެހި ފަންނުވެރިކަން ބައިނަލްއަގުވާމީ މައިދާނުގައި ދައްކާލުމަށް ތައްޔާރުކުރެވުނު ކުނަލެކެވެ. މި ކުނާ ފަރުމާކޮށް ވިޔެފައިވަނީ ތުނޑު ކުނާ ވިޔުމަށް ރާއްޖޭގައި އެންމެ މަޝްހޫރު ގދ. ގައްދޫގެ ފަންނުވެރިއެކެވެ.

ރާއްޖޭގެ ތުނޑު ކުނަލެއް އދ. ގައި ބެހެއްޓުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ނިއު ޔޯކަށް ކުރެއްވި ޒިޔާރަތުގައެވެ.

މި ތާރީޚީ ހަދިޔާއަކީ ދިވެހިރާއްޖެއާއި އދ. އާ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ، އަދި ދިވެހިންގެ މުއްސަނދި ސަގާފަތާއި އަތްތެރި މަސައްކަތްތެރިކަން ދުނިޔެއަށް ދައްކުވައިދޭ މުހިންމު އުފެއްދުމެކެވެ.

ހިއްސާ ކުރައްވާ!