ޒަކާތު ފައިސާއިން ޣައްޒާއަށް 5 ލައްކަ ރުފިޔާގެ ސަދަޤާތެއް ދީފި

މި އަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން، ފަލަޞްޠީނުގެ ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް 500,000 (ފަސް ލައްކަ) ރުފިޔާ އިސްރާ އެސޯސިއޭޝަނާ ހަވާލުކޮށްފިއެވެ. މޯލްޑިވްސް ޒަކާތު ހައުސްއިން ބުނީ މި ފައިސާ އެ ޖަމިއްޔާއާ ހަވާލުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.

ޣައްޒާގެ އިތުރުން، ރާއްޖޭގައި ދަތި ޙާލުގައި އުޅޭ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގައި ގާއިމުކޮށްފައިވާ އިޖުތިމާޢީ ޓްރަސްޓް ފަންޑަށް 423,749 ރުފިޔާ ޖަމާކުރުމަށް އެ ވުޒާރާއާ ވެސް މިހާރު ވަނީ ހަވާލުކުރެވިފައެވެ. ޒަކާތު ހައުސްއިން ބުނި ގޮތުގައި މިއީ ޒަކާތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ކުރެވުނު މަސައްކަތެކެވެ.

މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމާ ގުޅިގެން، ފަގީރުންނާއި މިސްކީނުންނަށް ބެހި ފައިސާގެ އަދަދުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ޒަކާތުގެ ފައިސާ ހަމަހަމައަށް ބެހުމަށް ކަނޑައެޅި އުސޫލުގެ ދަށުން، ފަގީރުންގެ ދަފުތަރުގައި ހިމެނޭ ކޮންމެ މީހަކަށް 6,000 ރުފިޔާ ގެ މަގުން ފިތުރު ޒަކާތުގެ ފައިސާ ބަހާފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ރަމަޟާން މަހު ފިޠުރު ޒަކާތުގެ ގޮތުގައި ފައިސާއިން ޖުމްލަ 15,009,749 (ފަނަރަ މިލިއަން ނުވަހާސް ހަތްސަތޭކަ ސާޅީސް ނުވަ) ރުފިޔާ ލިބިފައިވެއެވެ. މިއީ ފާއިތުވި ތިން އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދަށްވުރެ އިތުރު އަދަދެއްކަން ޒަކާތު ހައުސްއިން ފާހަގަކުރެއެވެ.

މި އެހީތަކަކީ ޒަކާތުގެ ބެލެނިވެރިކަމުގެ ދަށުން، ދީނީ ގޮތުންނާއި އިންސާނީ ގޮތުން އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް ފޯރުކޮށްދެވޭ މުހިންމު އެހީތަކެކެވެ.

ހިއްސާ ކުރައްވާ!