ޔޫއޭއީން އެމެރިކާގެ ހަމަލަތަކަށް ފުރުސަތު ދޭތީ ބަދަލު ދޭން އީރާނުން އަމުރުކޮށްފި

އީރާނަށް ދެމުންދާ ޓެރަރިސްޓް ހަމަލާދިނުމަށް އެމެރިކާއިން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ބިމައި ވައިގެ ސަރަހައްދު ބޭނުން ކުރަން ހުއްދަ ދެމުން ދާތީ، އެކަމުގެ ބައިނަލްއަގުވާމީ ގާނޫނީ ޒިންމާ ޔޫއޭއީން އުފުލަންޖެހޭނެ ކަމަށް ބުނެ އީރާނުން ޔޫއޭއީ ކުށްވެރިކޮށްފިއެވެ. އަދި ޔޫއޭއީން މިކަމުގެ ބަދަލު ފުރިހަމައަށް ދޭން ޖެހޭނެ ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ.

އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އަމީރު ސައީދު އިރަވާނީ، އދ. ގެ ސެކްރެޓަރީ ޖެނެރަލް އަދި ސަލާމަތީ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އެމެރިކާއިން އީރާނަށް ޓެރަރިސްޓް ހަމަލާދިނުމަށް ޔޫއޭއީގެ ވައިގެ ސަރަހައްދާއި ބިން ފަހިކޮށްދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށެވެ. އަދި މި އަމަލުގެ ސަބަބުން ޔޫއޭއީން ބައިނަލްއަގުވާމީ ޒިންމާ އުފުލަންޖެހޭނެ ކަމަށާއި، އީރާނަށް ލިބުނު މާއްދީ އަދި މައުނަވީ ހުރިހާ ގެއްލުމެއްގެ ބަދަލު ދޭންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތެހެރާނުން ތުހުމަތުކުރާ ގޮތުގައި، ޔޫއޭއީ އާއި އެމެރިކާގެ ޓެރަރިޒަމަށް ވާގިވެރިވާ ގަލްފުގެ ބައެއް ގައުމުތަކުން ވަނީ އެމެރިކާގެ ޓެރަރިސްޓް ހަރަކާތްތަކަށް އެ ގައުމުތަކުގެ ބިމާއި އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ދީފައެވެ. އެހެންކަމުން އެ ގައުމުތަކުން އެކަމުގެ ގާނޫނީ ޒިންމާ އުފުލަންޖެހޭނެ ކަމަށް އީރާނުން ވަކާލާތު ކުރެއެވެ. އަދި ބަދަލުގައި ރައްދު ހަމަލަ ދިނުމަކީ އީރާނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށްވެސް އީރާނުން ބުނެއެވެ.

އީރާނުން ވަނީ އަވަށްޓެރިންގެ ހައްގަށް އިހުތިރާމު ކުރުމަށް ގޮވާލާފައެވެ.

މީގެ ބަދަލުގައި، އީރާނުން ދަނީ ގަލްފުގެ އަރަބި ގައުމުތަކުގެ އަމާޒުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދެމުންނެވެ. މިއާއެކު، ގަލްފު ގައުމުތަކަށާއި އުރުދުންއަށް ދޭ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ ގަރާރެއް ވެސް ފާސްކޮށްފައެވެ. އިސްރާއީލުންވެސް ސަލާމަތީ މަޖިލީހުގެ ގަރާރު ބޮލާލައި ޖަހާއިރު އީރާނުން ވަކި އެއަށް ތަބާވާނެ ހެއްޔެވެ؟

ހިއްސާ ކުރައްވާ!