ނައިޖެލް ފަރާޖްގެ ވެރިކަމެއްގައި ޔޫކޭގައި މުސްލިމުން ޖަމާއަތުގައި ނަމާދު ކުރުން މަނާކުރާނެ

ޔޫކޭގެ ހައްދުފަހަނައަޅާފަފއިވާ ސިޔާސީ ލީޑަރު ނައިޖެލް ފަރާޖް ވިދާޅުވަނީ އޭނާ ބޮޑުވަޒީރުކަމަށް އަތުވެއްޖެ ނަމަ، އިނގިރޭސިވިލާތުގެ ތާރީޚީ ބިނާތަކާއި މުހިންމު ސަރަހައްދުތަކުގައި މުސްލިމުން ޖަމާއަތުގައި ކުރާ ނަމާދުތަކާއި ދީނީ ހަރަކާތްތައް މަނާކުރައްވާނެ ކަމަށެވެ. އޭނާ މިފަދައިން ވިދާޅުވީ މި ހަފުތާގެ ކުރީކޮޅު ލަންޑަނުގެ ޓްރަފަލްގަރ މައިދާންގައި ބޭއްވި "ހުޅުވާލާފައިވާ އިފްތާރު ވަލީމާ" އާ ގުޅިގެން އުފެދުނު ސިޔާސީ ހޫނު ބަހުސްތަކުގެ ތެރޭގައެވެ. ކަނާތު ފިޔަވީގެ ހަރުކަށި "ރިފޯމް ޔޫކޭ" ޕާޓީގެ ލީޑަރު އަދި މިހާރުގެ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ކުރީގައި އުޅުއްވާ ފަރާޖް، މުސްލިމުން ބޭއްވި އެއްވުން ސިފަކުރެއްވީ "އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅީގެ މައްޗަށް ގަދަވެގަނެ، ބިރުދައްކައި، ބާރު ފޯރުވުމަށް" ކުރި މަސައްކަތެއްގެ ގޮތުގައެވެ.

ސަތޭކައެއްހައި މީހުން ބައިވެރިވި އެ ހަރަކާތުގެ ސަބަބުން ސިޔާސީ މަސްރަހުގައި ވަނީ ބަހުސް އުފެދިފައެވެ. ބޮޑުވަޒީރު ކިއަރ ސްޓާމަރ ވަނީ އެ އިފްތާރާ ދެކޮޅު ހެއްދެވި ކޮންޒަވޭޓިވް އެމްޕީއަކަށް ފާޑުވިދާޅުވެފައެވެ. ނަމަވެސް ފަރާޖް ވަކާލާތު ކުރެއްވީ އާންމުންގެ މެދުގައި މަގުބޫލު ތާރީޚީ ތަންތަނުގައި ބާއްވާ އިސްލާމީ ހަރަކާތްތައް ހުއްޓުވަން ޖެހޭނެ ކަމަށެވެ. ސްކޮޓްލޭންޑަށް ކުރެއްވި ޒިޔާރަތެއްގައި އޭނާ ވިދާޅުވީ އެފަދަ ތަންތަނުގައި ޖަމާއަތުގައި ކުރާ ހުރިހާ ނަމާދެއް މަނާކުރުމަށް ތާއީދުކުރައްވާ ކަމަށާއި، ނަމަވެސް ވަކިވަކި ފަރުދުން ކުރާ ދުޢާ ނުވަތަ ނަމާދު ހުއްދަވާންޖެހޭނެ ކަމަށެވެ.

މި ހުރަސްތައް އެހެން ދީންތަކަށް ވެސް އޮންނާނެތޯ ސުވާލުކުރުމުން ފަރާޖް ވިދާޅުވީ، އޭނާގެ މަގުސަދަކީ ސޮލީބީ ސަގާފީ އުސޫލުތައް ހިމާޔަތްކުރުން ކަމަށެވެ. އަދި މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ވެސް މުސްލިމުން ޖަމާއަތުގައި ކުރާ ނަމާދުތައް މަނާކޮށްފައިވާ ކަމަށް އިތުރުފުޅު ހައްދަވަމުން، ޔޫކޭއިން ވެސް އެފަދަ އިންތަކެއް ކަނޑައަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ އިތުރަށް ހޫނުވީ، ކޮންޒަވޭޓިވް ޕާޓީގެ ތަރުޖަމާނު ނިކް ޓިމޮތީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އާންމު ތަންތަނުގައި ޖަމާއަތުގައި ނަމާދުކުރުމަކީ "ބާރު ފޯރުވުމުގެ އަމަލެއް" ކަމަށް ލިޔުއްވުމާ ގުޅިގެންނެވެ. މި ވާހަކައަށް ހަރުކަށި ކަނާތު ފިޔަވީގެ އެކްޓިވިސްޓް ޓޮމީ ރޮބިންސަން ވަނީ ތާއީދުކޮށްފައެވެ. އެ އިފްތާރުގައި ބައިވެރިވެވަޑައިގެންނެވި ލަންޑަނުގެ މޭޔަރު ސާދިގް ޚާން ވަނީ ޓިމޮތީގެ ވާހަކަތަކަކީ ނަސްލީ ތަފާތުކުރުމަށް ހިތްވަރުދޭ، އޭނާގެ ޕާޓީއަށް ލަދުވެތި ވާހަކަތަކެއް ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވާފައެވެ.

ކޮންޒަވޭޓިވް ލީޑަރު ކަޅު ނަސްލުގެ ކެމީ ބޭޑެނޮކް ވިދާޅުވީ، އާންމު ތަންތަނުގައި ދީނީ ހަރަކާތްތައް ހިންގުމަށް އޭނާގެ ޕާޓީން ތާއީދުކުރާ ކަމަށާއި، ނަމަވެސް އެއީ އެންމެން ބައިވެރިވާ އަދި އިނގިރޭސި ސަގާފަތަށް އިހުތިރާމްކުރާ ހަރަކާތްތަކަކަށް ވާންޖެހޭނެ ކަމަށެވެ. މި ބަހުސްތައް އުފެދިފައިވަނީ 2029 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބުގެ ކުރިން، ގައުމީ މަސްރަހުގައި "ސަގާފީ ހަނގުރާމައިގެ" ސިޔާސަތުތައް ކުރިއަރަމުންދާ ދަނޑިވަޅެއްގައެވެ.

ހިއްސާ ކުރައްވާ!