މަނަވަރުތަކުގައި ޑްރަގް ބޭނުން ކުރަނީ

އިނގިރޭސިވިލާތުގެ ނިއުކްލިއާ ސަބްމެރިންތަކުގައި މަސައްކަތްކުރާ 170 އަށްވުރެ ގިނަ ފަޅުވެރިން މަސްތުވާތަކެތި ބޭނުންކުރިކަން ފަޅާއަރައިފިއެވެ. މިކަން ހާމަވެފައިވަނީ އިނގިރޭސި ޑިފެންސް މިނިސްޓްރީގެ ތަފާސްހިސާބުތަކާ ހަވާލާދީ އެ ގައުމުގެ ނޫހެއް ކަމަށްވާ 'ދަ ޓެލެގްރާފް' އިން ޝާއިއުކުރި ރިޕޯޓެއްގައެވެ.

އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި އިނގިރޭސި ރޯޔަލް ނޭވީގެ އެންމެ އިސް ސަބްމެރިން ފޯސްގައި މަސައްކަތްކުރާ 170 އަށްވުރެ ގިނަ ސިފައިން ވަނީ މަނާކުރެވިފައިވާ ތަކެތި ބޭނުންކޮށްގެން އަތުލައިގަނެވިފައެވެ. މީގެ ތެރޭގައި ހިމެނެނީ 2018 އާއި 2024 އާ ދެމެދު ކުރެވުނު ޓެސްޓުތަކުން ޕޮޒިޓިވްވި 175 ފަޅުވެރިންނެވެ.

މި ފަޅުވެރިންގެ ހަށިގަނޑުން ފެނިފައިވާ ތަކެތީގެ ތެރޭގައި ކޮކެއިން، ކެނަބިސް، އެސްޓަސީ އަދި އެކި ބާވަތްތަކުގެ ސްޓިމިއުލަންޓްސް ނުވަތަ ހަކަތަ އިތުރުކޮށްދޭ މާއްދާތައް ހިމެނެއެވެ. މީގެ ތެރެއިން 52 މީހަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވަނީ ސީދާ ސަބްމެރިންގެ ތެރޭގައި ޑިއުޓީ އަދާކުރަމުން ދަނިކޮށް ކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގައި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ގިނަ ސިފައިން މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ނަމަވެސް، ބައެއް ހާލަތްތަކުގައި ލުއި ގޮތްތަކެއް ހުރުމުގެ ސަބަބުން މަދު ބަޔަކު އަދަބުން ސަލާމަތްވެފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މަސްތުވާތަކެތި ބޭނުންކުރި ބައެއް ފަޅުވެރިންނަކީ އިނގިރޭސިވިލާތުގެ އެންމެ ވަރުގަދަ ނިއުކްލިއާ ހަތިޔާރު އުފުލާ 'ފެންގާޑް' ކްލާސްގެ ސްޓްރެޓީޖިކް ސަބްމެރިންތަކުގައި މަސައްކަތްކުރާ މީހުންނެވެ. މިއީ ގައުމީ ސަލާމަތާ ގުޅުންހުރި ނާޒުކު މަސައްކަތްތަކެއް ކުރާ ބަޔަކަށްވާއިރު، މިފަދަ އަމަލުތަކެއް ފެންމަތިވުމަކީ ބޮޑު ކަންބޮޑުވުމެކެވެ.

ހިއްސާ ކުރައްވާ!