މަދޫރޯ ހައްޔަރުކުރުމާ ގުޅިގެން ޗައިނާއިން ކިޔާ ފާޑުކިޔުންތަކަށް: އުއިގޫރު ނޫސްވެރިޔާ ޝޮހްރަތު ހޫޝޯރުގެއެ ރައްދު

އެމެރިކާއިން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރުމާ ގުޅިގެން ޗައިނާއިން ފާޅުކުރި ކަންބޮޑުވުންތަކަކީ އެއްވެސް އުސޫލެއްގެ މައްޗަށް ބިނާވެފައިވާ ކަންކަން ނޫން ކަމަށާއި، އެއީ ހަމައެކަނި ދެއްކުންތެރިކަމެއް ކަމަށް މަޝްހޫރު އުއިގޫރު ނޫސްވެރިޔާ ޝޮހްރަތު ހޫޝޯރު ބުނެފިއެވެ. އޭނާ ލިޔެފައިވާ އޮޕީނިއަން އާޓިކަލެއްގައި ބުނެފައިވަނީ، އަމިއްލަ ގައުމުގައި އުއިގޫރު ދަރިކޮޅުގެ މިލިއަނުން މީހުން ބަންދުކޮށްގެން އުޅޭ ގައުމަކުން ބައިނަލްއަގުވާމީ ގާނޫނުތަކުގެ ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެމެރިކާގެ އޮޕަރޭޝަނަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ވެނެޒުއޭލާގެ މިނިވަންކަމާ  ސިޔާދަތަށް އަރައިގަތުމުގެ އަމަލެއް ކަމަށް ބުނެ ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ އެކަން ކުށްވެރިކޮށްފައެވެ. ނަމަވެސް، ހޫޝޯރު ފާހަގަކުރި ގޮތުގައި ޝިންޖިއާން ސަރަހައްދުގައި ޗައިނާއިން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް ބަލާއިރު، ޗައިނާގެ މި "އަހްލާގީ ކަންބޮޑުވުން" ތަކަކީ ވަރަށް ހުތުރު ކަމެކެވެ.

ހޫޝޯރު ވަނީ އެމެރިކާއިން މަދޫރޯ ހައްޔަރުކުރުމާއި ޗައިނާއިން އުއިގޫރު މީހުން ބަންދުކުރުމާ ދެމެދު ހުރި ތަފާތުތައް ބަޔާންކޮށްފައެވެ. އޭނާ ބުނި ގޮތުގައި އެމެރިކާގެ އޮޕަރޭޝަނަކީ ވަކި މީހަކަށް އަމާޒުކޮށްގެން ހިންގި ކުރު މިޝަނެކެވެ. އަދި ހައްޔަރުކުރެވުނު ފަރާތް ވަގުތުން ކޯޓަށް ހާޒިރުކުރެވުނެވެ. ނަމަވެސް، ޗައިނާއިން ތިން މިލިއަނަށްވުރެ ގިނަ އުއިގޫރުން ބަންދުކޮށްފައިވަނީ އެއްވެސް ކޯޓު އަމުރެއް ނެތި، ރޭގަނޑު ގޭގެއަށް ވަދެ މީހުން ވަގަށް ނަގައިގެން ކަމަށާއި، އެމީހުންގެ އާއިލާތަކަށް އެއްވެސް މައުލޫމާތެއް ނުދޭ ކަމަށް އޭނާ ލިޔެފައިވެއެވެ.

މި ހާލަތުގެ ތަފްސީލް ދެމުން ހޫޝޯރު ބުނީ، އޭނާގެ އަމިއްލަ އާއިލާގެ 11 މީހަކު ވެސް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށެވެ. މީގެ އިތުރުން، އުއިގޫރު ދަރިކޮޅުގެ އިލްމީ ބޭފުޅުން ކަމަށްވާ ކުރީގެ އެޑިއުކޭޝަން ޗީފް ސައްތާރު ސާވުތު އާއި ޔުނިވާސިޓީ ރައީސް ތަޝްޕޮލަޓް ތައްޔިބް ފަދަ ބޭފުޅުންނަށް ބޮޑެތި އަދަބުތައް ދެމުންދާކަން އޭނާ ފާހަގަކުރިއެވެ. އޭނާ ސިފަކުރި ގޮތުގައި މިއީ މުޅި ނަސްލެއް ދިގު މުއްދަތަކަށް ރަހީނުކުރުމުގެ އަމަލެކެވެ.

ނޫސްވެރިޔާގެ ލިޔުން ނިންމާލަމުން ބުނެފައިވަނީ، ބައިނަލްއަގުވާމީ މުޖުތަމައުން ގައުމުތަކުގެ ރައީސުންގެ ހައްގުތަކަށް ވަކާލާތުކުރާ މިންވަރަށް، އާންމު ރައްޔިތުންނާ މެދު ހިންގާ ލާއިންސާނީ އަމަލުތަކަށް ސަމާލުކަން ނުދޭ ކަމަށެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކުން ހަމައެކަނި ބާރުގަދަ މީހުން ހިމާޔަތްކޮށް، ނިކަމެތި ރައްޔިތުން އެކަނިވެރިކޮށްލާފައިވާ ކަމުގެ ހެއްކެއް ކަމަށް އޭނާ ބުންޏެވެ.

ހިއްސާ ކުރައްވާ!