ފޯނާއި ކޮމްޕިއުޓަރުގެ ޕާސްވޯޑަށް އެދުމުގެ އާ ބާރުތަކެއް ހޮންކޮންގް ފުލުހުންނަށް ދީފި

ހޮންކޮންގުގެ ގައުމީ ސަލާމަތާ ބެހޭ އޮނިގަނޑުގެ ދަށުން، ތުހުމަތުކުރެވޭ މީހުންގެ މޯބައިލް ފޯނާއި ކޮމްޕިއުޓަރުތަކުގެ ޕާސްވޯޑް ނުވަތަ ޑިކްރިޕްޝަން މެތަޑްތައް ހަވާލުކުރުމަށް މަޖުބޫރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ އާ ގަވާއިދުތަކެއް ތައާރަފުކޮށްފިއެވެ.

ސަރުކާރުން ގެޒެޓްކޮށްފައިވާ މި އިސްލާހުތަކަކީ ސިޓީގެ ގާނޫނު ހަދާ މަޖިލިސް ބައިޕާސްކޮށް ގެނެސްފައިވާ ބަދަލުތަކެކެވެ. މިއީ 2020 ވަނަ އަހަރު ބެއިޖިންގްއިން ގައުމީ ސަލާމަތުގެ ގާނޫނު ތަންފީޒުކުރަން ފެށި ފަހުން ކޮންޓްރޯލްތައް އިތުރަށް ވަރުގަދަކުރުމަށް އެޅި ފާހަގަކޮށްލެވޭ ފިޔަވަޅެކެވެ.

އާ ގަވާއިދުތަކުގެ ދަށުން، ޕާސްވޯޑް ދޭން އިންކާރުކޮށްފިނަމަ އެއް އަހަރަށް ޖަލަށްލުމާއެކު 100،000 ހޮންކޮންގް ޑޮލަރުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ދޮގު ނުވަތަ އޮޅުވާލާފަދަ މައުލޫމާތު ދީފިނަމަ ތިން އަހަރުގެ ޖަލު ހުކުމަކާއި 500،000 ހޮންކޮންގް ޑޮލަރުގެ ޖޫރިމަނާއެއް އަންނާނެއެވެ.

މި ބަދަލުތަކަކީ ހޮންކޮންގުގެ އަސާސީ ގާނޫނާއި އިންސާނީ ހައްގުތަކާ އެއްގޮތްވާ ގޮތުގެ މަތިން ގެނެސްފައިވާ ބަދަލުތަކެއް ކަމަށާއި، އާންމު ރައްޔިތުންނަށް މީގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް، ގާނޫނީ މާހިރުން އިންޒާރު ދޭ ގޮތުގައި މި އިސްލާހުތަކުގެ ސަބަބުން މުއާސަލާތީ ސިއްރު ހިފެހެއްޓުމާއި އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގު ހިމެނޭހެން އަސާސީ މިނިވަންކަމަށް ހުރަސްއެޅިގެންދެއެވެ.

އާ ގަވާއިދުތަކުގެ ދަށުން، މީހަކު ހައްޔަރު ނުކުރި ކަމުގައިވިޔަސް، "ފިތުނަ އުފައްދާ" ތަކެތި ކަމަށް ބެލެވޭ ތަކެތި ހިފެހެއްޓުމުގެ ބާރު ކަސްޓަމްސް އޮފިސަރުންނަށް ލިބިދެއެވެ. މިއީ ގައުމީ ސަލާމަތް ތަންފީޒުކުރުމުގެ ދާއިރާ އިތުރަށް ފުޅާވެގެންދިޔަ ކަމެކެވެ.

ދައުލަތާ ދެކޮޅުވެރިވުމާއި ބޭރުގެ ބާރުތަކާ ގުޅިގެން މަސައްކަތްކުރުން ފަދަ އަމަލުތަކަށް އުމުރަށް ޖަލަށްލުން ފަދަ އަދަބުތައް ކަނޑައަޅާފައިވާ ގައުމީ ސަލާމަތުގެ ގާނޫނަށް ހުޅަނގުގެ ގައުމުތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ މެދުނުކެނޑި ފާޑުކިޔަމުންނެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުން ބުނަނީ 2019 ވަނަ އަހަރުގެ ޑިމޮކްރަސީއަށް ގޮވާލާ ކުރި މުޒާހަރާތަކަށްފަހު އަމާންކަން ގާއިމުކުރުމަށް މި ގާނޫނު ކޮންމެހެން ބޭނުންތެރި ކަމަށެވެ.

ހޮންކޮންގުގެ ސެކިއުރިޓީ ބިއުރޯއިން ބުނާ ގޮތުގައި، މިހާތަނަށް ގައުމީ ސަލާމަތާ ބެހޭ މާއްދާތަކުގެ ދަށުން 386 މީހުން ހައްޔަރުކޮށްފައިވާއިރު، 176 މީހަކާއި ހަތަރު ކުންފުންޏެއްގެ މައްޗަށް ވަނީ ކުށް ސާބިތުވެފައެވެ. މީގެ ތެރޭގައި މީޑިއާގެ މަހުޖަނު ޖިމީ ލައި ހިމެނެއެވެ. އޭނާގެ މައްޗަށް ފެބްރުއަރީ މަހު 20 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި ވަނީ ކުށްވެރިކޮށްފައެވެ.

ހިއްސާ ކުރައްވާ!