އީރާނުން ގަލްފްގެ ޤައުމުތައް ކަމަށްވާ ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ގަތަރު، ބަހްރޭން، ކުވެއިތު، އޮމާން އަދި ޖޯޑަންއަށް އަމާޒުކޮށް ދިން ހަމަލާތައް ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ރާއްޖެއިން ބުނެފައިވަނީ، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި މިފަދަ ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ ކަމަށެވެ.
ޖެނީވާގައި ކުރިއަށްދާ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 61 ވަނަ ދައުރުގެ 44 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވިދާޅުވީ، ގަލްފް ސަރަހައްދުގައި އަސްކަރީ ކުރިމަތިލުންތައް ފުޅާވަމުންދާތީ ރާއްޖެއިން "އިންތިހާއަށް ކަންބޮޑުވާ" ކަމަށެވެ. އަދި ވަކި އަމާޒެއް ނެތި ދެވޭ މިފަދަ ހަމަލާތަކުގެ ސަބަބުން މުޅި ސަރަހައްދުގެ އިންސާނީ އަދި އިގްތިސާދީ ހާލަތަށް ނުރައްކާތެރި ހީނަރުކަމެއް އަތުވެދާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އީރާނާ ދެކޮޅަށް އިޒްރޭލާއި އެމެރިކާއިން ދެމުންދާ އުދުވާނީ ހަމަލާތަކާ މެދު ވެސް ރާއްޖެއިން ކަންބޮޑުވުން ފާޅުކުރިއެވެ. ޑރ. ސަލްމާ ވިދާޅުވީ، މިފަދަ ހަމަލާތަކުގެ ސިލްސިލާގެ ސަބަބުން މަޝްވަރާގެ މަގު ބަންދުވެ، ސަރަހައްދު ދިގުދެމިގެންދާ ނާމާން ހާލަތަކަށް ވެއްޓެމުންދާ ކަމަށެވެ.
ދިވެހިރާއްޖެއިން ވަނީ މި ހަމަލާތައް ވަގުތުން ހުއްޓާލުމަށް ބާރުއެޅުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން ޑިޕްލޮމެޓިކް މަސައްކަތްތައް ވަރުގަދަކުރުމަށް ގޮވާލާފައެވެ.
"ލަސްކުރުމެއް ނެތި ސަރަހައްދުގެ ސުލްހަޔާއި، ހަމަޖެހުމާއި، ސަލާމަތްތެރިކަން އިއާދަ ކުރަންޖެހޭ،" މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ސަލްމާ ވިދާޅުވިއެވެ. އަދި ގަލްފް ސަރަހައްދުގެ އިގްތިސާދުތަކާއި ކަނޑުގެ ދަތުރުފަތުރުގެ މަގުތައް ގުޅިލާމެހިފައިވުމުން، މަސްރަހު ގޯސްވުމުގެ ނަތީޖާ މުޅި ދުނިޔެއަށް ކުރާކަން ވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ކުއްލި މައްސަލާގެ ބަހުސްގެ ތެރެއިން ވަނީ ޤަރާރެއް ހުށަހެޅިފއެވެ.
"ބަހްރޭން، ކުވެއިތު، އޮމާން، ގަތަރު، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ޖޯޑަންއަށް އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން ދިން ހަމަލާތަކުގެ ސަބަބުން އިންސާނީ ހައްގުތަކަށް ކުރާ އަސަރު" މި ސުރުޚީގެ ދަށުން ހުށަހަޅާފައިވާ ގަރާރުގައި ރާއްޖެއިން ވަނީ ކޯސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވެފައެވެ. މި ގަރާރުގެ މަގްސަދަކީ ހަމަލާތަކުގެ ސަބަބުން އިންސާނީ ހައްގުތަކަށް ކުރާ އަސަރުތައް ދެނެގަނެ، ޒިންމާދާރުކުރުވުމުގެ ނިޒާމުތައް ވަރުގަދަކުރުމެވެ.
ޑިޕްލޮމެޓުން ފާހަގަކުރާ ގޮތުގައި، ރާއްޖޭގެ މި ސާބިތު، ދެމެހެއްޓެނިވި ހަމަތަކުގެ މަތިން ނިންމާފައިވާ މި ނިންމުމަކީ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) ގެ ގައުމުތަކުގެ ސިޔާސަތާ އެއްގޮތް ނިންމުމެކެވެ. އަދި މި ނިންމުމަކީ އެ ސަރަހައްދުގެ ގައުމުތަކާއެކު ރާއްޖެއިން ބާއްވާ ޒަމާންވީ ސަލާމަތީ ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ.
ކަނޑުގެ ދަތުރުފަތުރުގެ މަގުތަކާއި، ހަކަތައިގެ ވަސީލަތްތަކާއި، އާންމު ރައްޔިތުން ސަރަހައްދީ ހަނގުރާމަތަކުން ސަލާމަތްކުރުމަށް ކުރެވޭ ބައިނަލްއަގުވާމީ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ތާއީދުކުރަމުން ދެއެވެ.
ގަލްފްގެ ސަރަހައްދުގެ ނުތަނަވަސްކަން ކުޑަވާނެ ކަމުގެ އަލާމާތެއް އަދި ފެންނާކަށެއް ނެތެވެ. ނަމަވެސް، ޖެނީވާގައި ރާއްޖެއިން އިންސާނީ ރައްކާތެރިކަމާއި ހައްގަށް މި އުފުލާ އަޑަކީ، ކެތްތެރިކަން އިސްކުރުމަށާއި، އިންސާނީ ފުރާނަ ހިމާޔަތްކޮށް އިންސާނީ ކަރާމާތް ށަވަރުކުރުމަށާއި، ޑިޕްލޮމެޓިކް އުސޫލުން މައްސަލަތައް ހައްލުކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ހެއްކެކެވެ.






