ޗައިނާގެ ނަށާ ރޮބޮޓްތަކަށް ޓީއެސްއެމްސީގެ ސީއީއޯ ފާޑުކިޔުން

ޗައިނާއިން އުފައްދަމުންދާ ނަށާ، ފުމޭ އަދި ތަފާތު ހުނަރުތައް ދައްކާ އިންސާނުންނާ އެއްވައްތަރު ހިއުމަނޮއިޑް ރޮބޮޓްތަކަކީ ހަމައެކަނި ދެއްކުންތެރިކަމެއް ކަމަށާއި، އޭގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ދުނިޔޭގެ އެންމެ ބޮޑު ޗިޕް އުފައްދާ ޓައިވާން ކުންފުނި، ޓީއެސްއެމްސީގެ ސީއީއޯ ސީ.ސީ ވޭ ވިދާޅުވެއެވެ. އޭނާ މިވާހަކަ ވިދާޅުވީ މިދިޔަ ހަފްތާ ބަންދުގައި އޭޝިއާ ޔުނިވަރސިޓީން އޭނާއަށް ޑޮކްޓަރޭޓް އެވޯޑް އެރުވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.

ވޭ ވިދާޅުވި ގޮތުގައި ރޮބޮޓަކީ ބޭނުންތެރި އެއްޗަކަށް ވާނީ އޭގައި ސިކުނޑިއެއް ހުރެގެންނެވެ. އަދި ދުނިޔޭގައި މިހާރު ހުރި ހިއުމަނޮއިޑް ރޮބޮޓްތަކުގެ ސިކުނޑީގެ 95 އިންސައްތަ އުފައްދަނީ ޓީއެސްއެމްސީން ކަން އޭނާ ފާހަގަކުރެއްވިއެވެ.

ޗައިނާގެ ރޮބޮޓްތަކަށް އިޝާރާތް ކުރައްވައި ވޭ ވިދާޅުވި "އެއީ ބޭނުމެއް ނެތް އެއްޗެއް – ހަމައެކަނި ދެއްކުމަކަށް ކުރާ ކަމެއް،" ކަމަށެވެ.

ރޮބޮޓްތަކުގެ އިތުބާރު ހިފެހެއްޓުމަކީ މުހިންމު ކަމެއް ކަމަށާއި، އެހެންކަމުން ރޮބޮޓްތަކުގެ ސިކުނޑީގައި ބޭނުންކުރާ ޓްރާންސިސްޓަރުތައް ކުރިއަށް އޮތް ތަނުގައިވެސް ޓީއެސްއެމްސީން އުފައްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ވޭ އިތުރަށް ތަފްސީލު ކޮށްދެއްވި ގޮތުގައި، ރޮބޮޓްތަކަށް ބޭނުންވާ ލޮލުގެ ފެނުމާއި، ޕްރެޝަރ އަދި ހޫނުމިން ދެނެގަންނަ ސެންސަރުތައް މަސައްކަތް ކުރަނީ ޗިޕް ޓެކްނޮލޮޖީގެ އެހީގައެވެ. މިއީ އިންސާނުންނަށް ރައްކާތެރިކަމާއެކު ޚިދުމަތް ދިނުމަށް ބޭނުންވާ ގިނަ އަދަދެއްގެ ޑޭޓާ ރޮބޮޓަށް ނެގުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވޭ ވަނީ ޓީއެސްއެމްސީގެ ކާމިޔާބީގެ އަސްލަކީ ކުންފުނީގެ ބާނީ މޮރިސް ޗޭންގް އެޅުއްވި ބިންގަލާއި މުވައްޒަފުންގެ ބުރަ މަސައްކަތް ކަމަށް ވިދާޅުވެފައެވެ. އަދި ކުންފުނީގެ ކުރިއެރުމުގައި އޭނާގެ އަމިއްލަ ހިއްސާ ކުޑަ ކަމަށްވެސް ވިދާޅުވިއެވެ.

ވޭ 2023 ވަނަ އަހަރު ސީއީއޯގެ މަގާމާ ހަވާލުވިއިރު ކުންފުނީގެ އާމްދަނީއަކީ 25 ބިލިއަން ޑޮލަރެވެ. ނަމަވެސް ނިމިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ ވަނީ 122 ބިލިއަން ޑޮލަރަށް އަރާފައެވެ. މީގެ ތެރެއިން ސާފު ފައިދާގެ ގޮތުގައި 55 ބިލިއަން ޑޮލަރު ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

ހިއްސާ ކުރައްވާ!