ޗައިނާގެ އިގްތިސާދީ މޮޑެލް މާކްސިޒަމާ ދުރަށް: މަސައްކަތްތެރިންގެ ހައްގުތަކަށްވުރެ ބޮޑަށް އިސްކަންދެނީ އުޖޫރަ ކުޑަކުރުމަށް

ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީން އެ ގައުމުގެ ފިކުރީ ބިންގަލަކީ ކާލް މާކްސްގެ ފަލްސަފާ ކަމަށް ބުނަމުންދިޔަ ނަމަވެސް، އެ ގައުމުގެ މިހާރުގެ އިގްތިސާދީ އިންޖީނު ހިނގަމުންދަނީ މާކްސް ތަސައްވަރުކުރި މަސައްކަތްތެރިންނަށް އިސްކަންދޭ އުސޫލުތަކާ މުޅިން ޚިލާފަށް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެމްއައިޓީގެ ޕްރޮފެސަރު ޔަޝެންގް ހުއާންގް 'ފޮރިން އެފެއާޒް' މަޖައްލާގައި ޝާއިއުކުރެއްވި ތަހުލީލެއްގައި ވިދާޅުވެފައިވަނީ، ޗައިނާގެ ކުރިއެރުން ބިނާވެފައިވަނީ ކުޑަ އުޖޫރައަކަށް މަސައްކަތްކުރުވުމާއި، މަސައްކަތްތެރިންނަށް އޮންނަ ރައްކާތެރިކަން ކުޑަކުރުމުގެ މައްޗަށް ކަމަށެވެ. މިއީ މާކްސިޒަމްގެ ފަލްސަފާގެ އަސާސްތަކާ ފުށުއަރާ ކަމެއް ކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ.

މި ބަދަލު އަންނަން ފެށީ 1980 ގެ އަހަރުތަކުގައި ގެނައި އިގްތިސާދީ އިސްލާހުތަކާ އެކުގައެވެ. އެ ދުވަސްވަރު ގެނައި ބަދަލުތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކު ފަގީރުކަމުން އަރައިގަތެވެ. ނަމަވެސް، އޭގެ ސަބަބުން އުފެދުނު މަސައްކަތްތެރިންގެ ބޮޑު މާކެޓަކީ ކެޕިޓަލިޒަމްގެ ތެރެއިން މީހުންގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ކަމަށް ބުނެ ޕާޓީގެ ބައެއް ބޭފުޅުން އޭރުވެސް ކަންބޮޑުވުން ފާޅުކުރިއެވެ.

ނަމަވެސް، ޗައިނާއިން އިސްކަންދިނީ މުދާ އެކްސްޕޯޓް ކުރުމަށާއި، އަގުހެޔޮ މަސައްކަތްތެރިން ބޭނުންކޮށްގެން ސިނާއީ ކުރިއެރުން ހޯދުމަށެވެ. ޕްރޮފެސަރު ހުއާންގް ވިދާޅުވާ ގޮތުގައި މިއީ މުއްސަނދިކަމާއި ބާރު މަދު ބައެއްގެ އަތްމައްޗަށް ޖަމާވާނެ ކަމަށް ބުނެ މާކްސް އިންޒާރު ދެއްވި ކަންތައްތަކެވެ.

މިއަދުގެ ޗައިނާގެ އިގްތިސާދު ބިނާވެފައިވަނީ މަސައްކަތްތެރިންގެ ހައްގުތައް ހަނިކުރުމުގެ މައްޗަށް ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ: މަދު ހައްގުތަކެއް ލިބިފައިވާ ހިޖުރަކުރާ މަސައްކަތްތެރިން، ފެކްޓްރީތަކުގައި ގިނަ ވަގުތު މަދު އުޖޫރައަށް މަސައްކަތްކުރުވުން، އަދި ޔޫނިއަންތައް ހެދުމަށް އޮންނަ ހުރަސްތަކެވެ.

މީގެ އިތުރުން ސިޓީތަކުގެ މުއްސަނދިންނާއި ރަށްފުށުގެ މަސައްކަތްތެރިންގެ މެދުގައި އޮތް ފަރަގު ދަނީ ބޮޑުވަމުންނެވެ. މިއީ މާކްސިޒަމް ނޫން ކަމަށާއި، މިއީ ދައުލަތުން ކޮންޓްރޯލްކުރާ ކެޕިޓަލިޒަމްގެ ބާވަތެއް ކަމަށް ހުއާންގް ސިފަކުރައްވައެވެ.

ހިއްސާ ކުރައްވާ!