މާރިޗު 16 ވަނަ ދުވަހު އަފްޣާނިސްތާނުގެ ކާބުލްގައި ހުންނަ މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒަކަށް ޕާކިސްތާނުން ދިން ވައިގެ ހަމަލާއަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ޚިލާފު އަމަލެއް ކަމަށް ބުނެ އެމްނެސްޓީ އިންޓަނޭޝަނަލް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ޕާކިސްތާނުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މި ހަމަލާ އަމާޒުކުރީ ހަތިޔާރު ގުދަނަކަށެވެ. ނަމަވެސް މި ހަމަލާގައި ހަސްފަތާލުގައި ތިބި ގިނަ އަދަދެއްގެ ބަލި މީހުންނާއި އާންމުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލްގެ ރިސާޗް ޑެޕިއުޓީ ރީޖަނަލް ޑައިރެކްޓަރު އިޒަބެލް ލަސީ ވިދާޅުވީ، މި ހަމަލާގައި މަރުވި މީހުންގެ އަދަދު މިނިވަންކަމާއެކު ކަށަވަރު ކުރެވިފައި ނުވި ނަމަވެސް، ސަތޭކައަށްވުރެ ގިނަ މީހުން މަރުވެ އަދި ޒަހަމްވެފައިވާކަން ސާފުވާ ކަމަށެވެ. 2016 ވަނަ އަހަރުން ފެށިގެން ނޭޓޯގެ ކުރީގެ ކޭމްޕެއް ކަމަށްވާ ކޭމްޕް ފީނިކްސްގެ ބޮޑު ބައެއް ބޭނުންކުރަމުން އައީ މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒެއްގެ ގޮތުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ޕާކިސްތާނުގެ ސިފައިން މި ހަމަލާ ދިނުމުގެ ކުރިން އާންމުންނާއި އާންމުންގެ ތަންތަނަށް ގެއްލުން ނުވާނެ ގޮތަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަންޖެހޭނެ،" އިޒަބެލް ލަސީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، އެތަނުގައި ހަތިޔާރު ގުދަނެއް ހުރި ކަމަށް ބެލެވުނު ނަމަވެސް، ހަމަލާ ދިނުމުގެ ކުރިން އާންމުންނަށް ލިބިދާނެ ގެއްލުމަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށެވެ.
މިހަމަލައަށް ފަހު ޕާކސިްތާނަށް އަމާޒުވި ފާޑުކިޔުންތަކާއެކު އިސްލާމްއާބާދުން ހަމަލަތއް މެދު ކަނޑާލިއެވެ.
ޕާކިސްތާނުން ހިންގާ "އޮޕަރޭޝަން ޣަޒަބް ލިލްހައްގު" ގެ ދަށުން ކާބުލް އަދި ނަންގަރްހާރަށް ދިން މި ހަމަލާތަކުގައި އަމާޒުވީ 'އުންމީދު' ނަމަކަށް ކިޔާ ރިހެބިލިޓޭޝަން ސެންޓަރަށެވެ. މި މަރުކަޒަކީ ގާތްގަނޑަކަށް 2،000 މީހުންގެ ޖާގަ އޮންނަ ތަނެކެވެ. ތާލިބާނުން ބުނާ ގޮތުގައި މި ހަމަލާގައި 400 އަށްވުރެ ގިނަ އާންމުން މަރުވެ، 200 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. ނަމަވެސް އދ. އިން މިހާތަނަށް ރިޕޯޓުކޮށްފައިވަނީ 143 މީހުން މަރުވި ކަމަށެވެ.
އެމްނެސްޓީން ވަނީ ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން މި ހަމަލާ ދިނުމުގައި ބޭނުންކުރި މައުލޫމާތު ހާމަކުރުމަށާއި، މި ހާދިސާގެ މިނިވަން އަދި އިންސާފުވެރި ތަހުގީގެއް ހިންގުމަށް ގޮވާލާފައެވެ. އަދި ހަނގުރާމައިގެ ހުރިހާ ފަރާތްތަކުން ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކަށް ބޯލަނބައި، ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ފަދަ އާންމު ތަންތަން ރައްކާތެރިކުރުމަށްވެސް އެ ޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ.





