ސަލާމަތީ ގޮތުން ހުރި ގޮންޖެހުންތަކާއި ގުދުރަތީ ހުރަސްތަކާއެކުވެސް، 2025 ވަނަ އަހަރު ޖައްމޫ އެންޑް ކަޝްމީރަށް 17.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް އޮފިޝަލުން ހާމަކޮށްފިއެވެ. މިއީ އެ ސަރަހައްދުގެ ފަތުރުވެރިކަމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބެލެވެއެވެ.
ލެފްޓިނަންޓް ގަވަރުނަރު މަނޯޖް ސިންހާ ގާނޫނު ހަދާ މަޖިލީހުގައި ވިދާޅުވީ، ފަތުރުވެރިންގެ އަދަދު އިތުރުވަމުންދަނީ އިންފްރާސްޓްރަކްޗާ ރަނގަޅުވުމާއި، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވުމާއި، އަދި ފަތުރުވެރިކަމުގެ ދާއިރާ ވަރުގަދަކުރުމަށް އެކަށައަޅާފައިވާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. އަދި މި ދާއިރާއަށް އިންވެސްޓްމަންޓްތައް އިތުރުކޮށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކުރުމަށްޓަކައި ސަރުކާރުން ވަނީ ފަތުރުވެރިކަމަކީ ސިނާއަތެއްގެ ދަރަޖަ ދީފައެވެ.
ކަޝްމީރުގެ ފުރަތަމަ ކްރިސެންތިމަމް ބަގީޗާ ކަމަށްވާ "ބާޣޭ ގުލޭ ދާއޫދު" ފަދަ އާ ތަންތަނާއި، ގުލްމަރްގްގެ މަޝްހޫރު ސްނޯ ސްލެޖް ދަތުރުތަކަށް އޮންނަ ތަރުހީބުގެ ސަބަބުން އަހަރުގެ ހުރިހާ ދުވަސްވަރެއްގައިވެސް ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އެ ސަރަހައްދުގެ ރައްޔިތުން ފާހަގަކުރާ ގޮތުގައި ހަމައެކަނި ފިނި މޫސުމުގެ ފަތުރުވެރިކަމުންވެސް އެތައް ހާސް ބައެއްގެ ދިރިއުޅުމަށް އެހީތެރިކަން ލިބެއެވެ.
މީގެ އިތުރުން، ޖައްމޫގައި ދީނީ ފަތުރުވެރިކަމާއި، ކަޝްމީރުގައި އެޑްވެންޗާ ޓޫރިޒަމްގެ އިތުރުން ބޯޑަރު ސަރަހައްދުތަކުގައި އިކޯ-ޓޫރިޒަމް ކުރިއެރުވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ދާއިރާއަށް ލިބުނު އެންމެ ބޮޑު އެހީތެރިކަމަކީ ރޭލު ދަތުރުފަތުރުގެ ނިޒާމު ފުޅާވެ، ކަޝްމީަރށް ޚާއްސަ ރޭލްވޭ ޑިވިޜަނެއް ގާއިމުކުރުމެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި، ގާނޫނުއަސާސީގެ 370 ވަނަ މާއްދާ އުވާލި ފަހުން ސިޔާސަތުތައް ތަންފީޒުކުރުން ހަރުދަނާވެ، އިންވެސްޓްމަންޓްތަކާއެކު ހަލުވި ދުވެއްޔެއްގައި ތަރައްގީވަމުންދާ ކަމަށެވެ.






