މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހުރުމުޒް ކަނޑުއޮޅިން ހަކަތަ ބޭރުށްދިނުމަށް ބުރޫ އަރާފައިވާ މި ދަނޑިވަޅުގައި، އެމެރިކާއިން ހަނގުރާމައާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް ފާޑުވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރިއަށްގެންދާ ޓެރަރިސްޓް ކެމްޕޭނުގެ މަގްސަދުތައް މިހާރު ބަދަލުވަމުންދާ ކަމަށެވެ.
ޚަވާޖާ އާސިފް ފާހަގަކުރެއްވި ގޮތުގައި، ހަނގުރާމައިގެ މިހާރުގެ އަމާޒަކީ ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވުން ކަމަށް ބެލެވެއެވެ. މިއީ ހަނގުރާމަ ފެށުމުގެ ކުރިން އާންމުކޮށް ހުޅުވިފައި އޮތް މަގެއް ނަމަވެސް، ތެހެރާނަށް އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާތަކަށްފަހު އީރާނުން ވަނީ އެ ސަރަހައްދު ބަންދުކޮށްފައެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އޭނާ ލިޔުއްވާފައިވަނީ، "ހަނގުރާމައިގެ އަމާޒު މިހާރު ބަދަލުވެފައިވަނީ ހަނގުރާމައިގެ ކުރިން ހުޅުވިފައި އޮތް ހުރުމުޒް ކަނޑުއޮޅި ހުޅުވުމަށް ކަމަށް ފެނޭ" ކަމަށެވެ.
ހަނގުރާމައަށް ހަތަރު ހަފްތާ ވެފައިވާއިރު، ޕާކިސްތާނުން ވަނީ ވޮޝިންޓަނާއި ތެހެރާނާ ދެމެދު މަޝްވަރާތައް ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅާފައެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވެސް ވަނީ މިކަމަށް ތާއީދުކުރައްވައި ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމަ ހުއްޓުވުމަށާއި، ސަރަހައްދީ އަދި ދުނިޔޭގެ ސުލްހަ މަސަލަސްކަމަށްޓަކައި ކުރެވޭ މަސައްކަތްތަކަށް ޕާކިސްތާނުން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.





