ޕާކިސްތާނުން އަފްޣާނިސްތާނުގެ އެތެރެއަށް ދެމުންދާ ވައިގެ ހަމަލާތައް ވަރުގަދަކޮށްފިއެވެ އދ. އިން އާންމުކުރި ހިސާބުތަކަށް ބަލާއިރު، އެންމެ ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ ކާބުލްގައި ހުންނަ މަސްތުވާތަކެއްޗަށް ފަރުވާދޭ މަރުކަޒަކަށް ބޮން އެޅުމުންނެވެ.

މި ހަމަލާގައި 143 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަޚަމްވިއެވެ. އޮބްޒާވަރުން "އިންސާނީ ކާރިސާއެއް"ގެ ގޮތުގައި ސިފަކުރި މި ހަމަލާ ދީފައިވަނީ، ޕާކިސްތާނުން ކުރިން ދިން ހަމަލާތަކުގައި 70 މީހުން މަރުވެ، 478 މީހުން ޒަޚަމްވެ، އަދި ގައުމުގެ އެކި ސަރަހައްދުތަކުން ގިނަ ބަޔަކު ގެދޮރު ދޫކޮށް ދާންޖެހިފައިވާ ހިނދެއްގައވެ. އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ އދ. ގެ އެސިސްޓެންސް މިޝަން (ޔުނާމާ) އިން މިކަން ރިޕޯޓު ކުރިތާ ހަފުތާތަކެއް ފަހުން ކާބުލްގެ ރިހެބިލިޓޭޝަން ހޮސްޕިޓަލަސް ޕާކިސްތާނުން ބޮން އެޅިއެވެ.
އިސްލާމްއާބާދުން ބުނާ ގޮތުގައި މި އޮޕަރޭޝަންތަކަކީ އަފްޣާނިސްތާނުގެ ފަސްގަނޑުން ފަށައިގެން ހަމަލާތައް ދޭ ކަމަށް ތުހުމަތު ކުރެވޭ ހަނގުރާމަވެރި ޖަމާއަތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަންތަކެކެވެ. ނަމަވެސް، އަފްޣާނިސްތާނުގެ ކަމާބެހޭ ފަރާތްތަކާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ބުނަނީ މި ހަމަލާތަކަކީ އަފްޣާނިސްތާނުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ.
މީގެ ސަބަބުން ތާލިބާނުންގެ ހަރުކަށި ގަވާއިދުތަކުގެ ދަށުގައި ދިރިއުޅެމުންދާ އާންމުންނަށް އިންތިހާއަށް ގެއްލުންވަމުންދެއެވެ.
އަފްޣާނިސްތާނުގެ ރައްޔިތުން މިހާރު ތިބީ ގައުމުގެ އެތެރެއިން ކުރިމަތިވާ ފިއްތުންތަކާއި ޕާކިސްތާނުން އަންނަ ހަމަލާތަކުގެ ސަބަބުން، އެއްވެސް ރައްކާތެރިކަމެއް ނެތް، ގިނަ ގޮންޖެހުންތަކެއް އެކުލެވޭ ކާރިސާއެއްގެ ތެރޭގައި ތާށިވެފައެވެ.





