ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ޕީއައިއޭ އިން އަލުން ލަންޑަނަށް

ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) އިން 6 އަހަރުގެ މެދުކެނޑުމަކަށްފަހު އިނގިރޭސިވިލާތުގެ ލަންޑަނަށް ކުރާ ސީދާ ދަތުރުތައް އާދީއްތަ ދުވަހު އަލުން ފަށައިފިއެވެ. މި ދަތުރުތައް އަލުން ފެށުމުގެ ގޮތުން ފުރަތަމަ ފްލައިޓް ފުރާފައިވަނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުންނެވެ.

ޕީއައިއޭ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިސްލާމްއާބާދުގެ އިތުރުން ލާހޫރުން ވެސް ލަންޑަނަށް ސީދާ ދަތުރުތައް ކުރިއަށްދާނެ ކަމަށެވެ. "މިއީ ދެ ސިޓީ ގުޅުވައިދީ، ހަނދާނުން ނުފޮހެވޭނެ ފަދަ ދަތުރުތަކެއް ކައިރިކޮށްދޭ އާ ފެށުމެއް،" އެ އެއާލައިނުން ބުނެފައިވެއެވެ.

މި ދަތުރުތައް ފެށުމުގެ ގޮތުން އިސްލާމްއާބާދު އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. މި ރަސްމިއްޔާތުގައި ޕާކިސްތާނުގެ ޑިފެންސް ސެކްރެޓަރީ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔާޑް) މުހައްމަދު އަލީ އާއި، އިނގިރޭސި ހައިކޮމިޝަނަރު ޖޭން މެރިއޮޓްގެ އިތުރުން ޕީއައިއޭ ކޮންސޯޓިއަމްގެ ޗެއާމަން އާރިފް ހަބީބް ބައިވެރިވެވަޑައިގެންނެވިއެވެ.

ޕީއައިއޭ އިން އިނގިރޭސިވިލާތަށް ކުރާ ދަތުރުތައް ހުއްޓާލަން ޖެހުނީ 2020 ވަނަ އަހަރު ފެންމަތިވި ފޭކު ޕައިލެޓް ލައިސަންސް މައްސަލައާ ގުޅިގެން، އިނގިރޭސިވިލާތާއި ޔޫރަޕްގެ އޭވިއޭޝަން އިދާރާތަކުން އެ އެއާލައިން ބޭން ކުރުމުންނެވެ. ނަމަވެސް، މިދިޔަ އަހަރުގެ ޖުލައި މަހު އިނގިރޭސިވިލާތުގެ އެއާ ސޭފްޓީ ލިސްޓުން ޕާކިސްތާން އުނިކުރުމާ ގުޅިގެން، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އެ ގައުމުގައި އޮޕަރޭޝަންތައް ހިންގުމުގެ ހުއްދަ ވަނީ ލިބިފައެވެ.

ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ އާސިފް ވިދާޅުވީ، ލަންޑަނަށް ސީދާ ދަތުރުތައް ފެށުމަކީ އިނގިރޭސިވިލާތުގައި ދިރިއުޅޭ ޕާކިސްތާނު މީހުންނަށް ވަގުތާއި ފައިސާ ސަލާމަތްވެ، ދަތުރުފަތުރު ކުރުމުގައި ބޮޑު ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޕީއައިއޭގެ ފްލީޓް ބޮޑުކޮށް، ޔޫރަޕާއި ކެނެޑާގެ އިތުރު މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕީއައިއޭއަށް އައު ދިރުމެއް ލިބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ނީލަމެއްގައި އާރިފް ހަބީބް ކޯޕަރޭޝަން ބައިވެރިވާ ކޮންސޯޓިއަމްއަކުން 135 ބިލިއަން ރުޕީސްއަށް ޕީއައިއޭގެ މެޖޯރިޓީ ހިއްސާ ގަތުމާ ގުޅިގެންނެވެ. މީގެ އިތުރުން، އެމެރިކާއަށް ސީދާ ދަތުރުތައް އަލުން ފެށުމަށްޓަކައި އެމެރިކާގެ އޭވިއޭޝަން އިދާރާތަކާއެކު ވެސް މަޝްވަރާތައް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ.

ހިއްސާ ކުރައްވާ!