އެމެރިކާގެ ޓެރަރިޒަމް ހުއްޓުވަން އެމެރިކާގެ ރަހުމަތްތެރިންގެ މަޝްވަރާ

މެދުއިރުމަތީގައި މިހާރު ކުރިއަށް ދާ ސޮލީބީ ސަހުޔޫނީ ހަމަލަތއް ދާއިމީކޮށް ހުއްޓާލުމަށް ޕާކިސްތާނު، ސައުދީ އަރަބިއްޔާ، ތުރުކީ އަދި މިސްރުގެ ޚާރިޖީ ވަޒީރުން އިސްލާމްއާބާދުގައި ބައްދަލު ކުރައްވައި އެކމަށް ގޮވާލައްވައިފިއެވެ. މި ގައުމުތަކަކީ އެމެރިކާގެ މަސްލަހަތަށް މަސައްކަތް ކުރާ 4 ގައުމެވެ. ނަމަވެސް މި ގައުމުތަކުން މި ބައްދަލުވުން ބާއްވާފައި ވަނީ އެމެރިކާގެ ރުހުމައި ބައިވެރިވުމާ ނުލައެވެ. މި ގައުމުތަކުގެ މަޝްވަރާތަޖކުގެ ވާހަކަ ޔަގީން ކޮށްދެއްވީ ޕާކިސްތާނުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އިސްހާގު ދާރް ދެއްވި ބަޔާނެއްގައެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި މި ބައްދަލުވުމުގައި ސައުދީގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން، ތުރުކީގެ ޚާރިޖީ ވަޒީރު ހާކާން ފިދާން އަދި މިސްރުގެ ޚާރިޖީ ވަޒީރު ބަދުރު އަބްދުލްއާތީ ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ މެދުއިރުމަތީގައި އުފައްދާފައިވާ ހައިޖާން ކުޑަކުރުމަށް މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.

ބައްދަލުވުމުގެ ބައިވެރިން އެއްބަސްވެވަޑައިގެންނެވި ގޮތުގައި ހަނގުރާމައަކީ އެއްވެސް ބައެއްގެ މަސްލަހަތަށް ފައިދާއަށް އޮތް ކަމެއް ނޫނެވެ. އަދި މި ހަމަލާތަކަށް "އަވަސް އަދި ދާއިމީ ހައްލެއް" ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން ވަޒީރުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. ދާރް ވިދާޅުވި ގޮތުގައި، މަޝްވަރާ އާއި ޑިޕްލޮމަސީއަކީ މި މައްސަލައިގައި ކުރިއަށް ދެވެން އޮތް ހަމައެކަނި މަގެވެ.

މީގެ އިތުރުން، އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށް ގެންދަން އުޅޭ މަޝްވަރާތަކުގައި ޕާކިސްތާނަކީ މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމެވެ. ދާރް ވިދާޅުވި ގޮތުގައި އީރާނާއި އެމެރިކާއިން ވެސް ވަނީ ޕާކިސްތާނުގެ މި ދައުރާ މެދު އިތުބާރު އޮތްކަން ހާމަކޮށްފައެވެ. އަދި މި މަސައްކަތުގެ ތެރެއިން ޗައިނާގެ ޚާރިޖީ ވަޒީރާ އެކުވެސް ފޯނުން ގުޅުއްވައި ތަފްސީލީ މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް އޭނާ ކަށަވަރުކޮށްދެއްވިއެވެ.

ބައްދަލުވުމަށްފަހު ސައުދީ ޚާރިޖީ ވަޒީރު ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ ބައްދަލުކުރައްވާފައެވެ. ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާރު އުފެދިފައިވާ ކާރިސާގެ ތެރޭގައި ސައުދީ އަރަބިއްޔާއިން ދައްކަމުންދާ ކެތްތެރިކަމަށް ބޮޑުވަޒީރު ތައުރީފު ކުރެއްވި ކަމަށެވެ. އަދި ޕާކިސްތާނުން އަބަދުވެސް ސައުދީއާއެކު ސާބިތުކަމާއެކު އޮންނާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ދެއްވިއެވެ.

ދާރް އިތުރަށް ވިދާޅުވީ، މެދުއިރުމަތީގެ މިހާރުގެ ހާލަތުން އިސްލާމީ އުންމަތުގެ އެއްބައިވަންތަކަމުގެ މުހިންމުކަން އިތުރަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި އދ. ގެ ޗާޓަރާ އެއްގޮތަށް ހުރިހާ ގައުމުތަކެއްގެ ސިޔާދަތާއި ސަލާމަތަށް އިހުތިރާމް ކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ހިއްސާ ކުރައްވާ!