ޖައިޝޭ މުހައްމަދުގެ ވެރިޔާ މަސްއޫދު އަޒްހަރުގެ ކޮއްކޮ މުހައްމަދު ތާހިރު އަންވަރު ކުއްލި ގޮތަކަށް ޕާކިސްތާނުގައި މަރުވެއްޖެއެވެ. އޭނާ މަރުވި ގޮތާމެދު އާއިލާއިން ވަނީ ޝަައްކު އުފައްދާފައެވެ. ތާހިރު އަންވަރަކީ ޖައިޝޭ މުހައްމަދާ ގާތް ގުޅުމެއް އޮންނަ، އަދި އެ ޖަމާއަތުގެ ހަރަކާތްތަކުގައި ގިނަ އަހަރުތަކެއް ވަންދެން އުޅެފައިވާ މީހެކެވެ. އޭނާ މަރުވިކަން އެ ޖަމާއަތުގެ ރަސްމީ ޗެނަލް މެދުވެރިކޮށް ކަށަވަރުކޮށްދީފައިވެއެވެ. އޭނާގެ ކަށުނަމާދު ހޯމަ ދުވަހުގެ ރޭ ދަންވަރު ބަހާވަލްޕޫރުގެ ޖާމިއާ މަސްޖިދު އުސްމާން ވަލީގައި ބާއްވާފައި ވެއެވެ.
ތާހިރު އަންވަރު މަރުވި ސަބަބާ ބެހޭގޮތުން މިހާތަނަށް އެއްވެސް ރަސްމީ ބަހެއް ލިބިފައި ނުވެއެވެ.

ޖައިޝޭ މުހައްމަދަކީ އިންޑިއާގައި ދީފައިވާ ބޮޑެތި ހަމަލާތަކާ ގުޅުން އޮންނަ ޖަމާއަތެކެވެ. އޭގެ ތެރޭގައި 2001 ވަނަ އަހަރު ޕާލަމެންޓަށް ދިން ހަމަލާއާއި، 2016 ވަނަ އަހަރުގެ ޕަތާންކޯޓް އެއާބޭސް ހަމަލާއާއި، 19 ސިފައިން މަރުވި އުރީ ހަމަލާގެ އިތުރުން، ސީ.އާރު.ޕީ.އެފްގެ 40 މުވައްޒަފުން މަރުވި 2019 ވަނަ އަހަރުގެ ޕުލްވާމާ ހަމަލާ ހިމެނެއެވެ.
އިންޑިއާގެ ސިފައިން ވަނީ ޕާކިސްތާނުގެ އެތެރޭގައި ހުރި ޖައިޝްގެ އަމާޒުތަކަށް އޮޕަރޭޝަން ސިންދޫރުގައި ހަމަލާދީފައެވެ. އޭގެ ތެރޭގައި ބަހާވަލްޕޫރުގައި ހުންނަ އެ ޖަމާއަތުގެ މައި މަރުކަޒު ހިމެނޭއިރު، އެ ހަމަލާތަކުގައި އަޒްހަރުގެ ގާތް ތިމާގެ ބައެއް މީހުން ވަނީ މަރުވެފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޖައިޝްއިން ވަނީ ފުރަތަމަ ފަހަރަށް ނުސީދާކޮށް މި ގެއްލުންތަކަށް އިއުތިރާފުވެފައެވެ. އެ ޖަމާއަތުގެ އިސް ކޮމާންޑަރަކު ވަނީ އިންޑިއާއިން ހިންގި 'އޮޕަރޭޝަން ސިންދޫރު' ގެ ދަށުން ބަހާވަލްޕޫރަށް ދިން ހަމަލާގައި އަޒްހަރުގެ އާއިލާގެ މެންބަރުން މަރުވިކަމަށް އެއްބަސްވެފައެވެ. މި ހަމަލާއަކީ އޭޕްރީލް 22 ގައި ޕަހަލްގާމްގައި 26 މީހުން މަރުވި ޓެރަރިސްޓް ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އިންޑިއާއިން ދިން ހަމަލާއެކެވެ.
އިންޑިއާގެ ހަމަލާތަކުގައި ޓެރަރިސްޓުންގެ ގިނަ މަރުކަޒުތަކެއް ވަނީ ހަލާކު ކޮށްލާފައެވެ. މަރުވި މީހުންގެ ތެރޭގައި މަސްއޫދު އަޒްހަރުގެ އާއިލާގެ 10 ވަރަކަށް މީހުން ހިމެނެއެވެ. އޭގެ ތެރޭގައި އޭނާގެ އަންހެން ކޮއްކޮއާއި، ކޮއްކޮގެ ފިރިމީހާއާއި، އޭނާގެ އާއިލާގެ ބައެއް ކުޑަކުދިން ހިމެނެއެވެ. މީގެ އިތުރުން އޭނާގެ ބައެއް އެހީތެރިންވެސް މި ހަމަލާގައި މަރުވިއެވެ.




