ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ހާމަކުރި ގޮތުގައި، ޕާކިސްތާނުގައި ކޮންމެ ދުވަހަކު ޓީބީ ނުވަތަ ފުއްޕާމޭގެ ބަލީގައި 140 މީހުން ދަނީ މަރުވަމުންނެވެ. މިކަން ހާމަކޮށްފައިވަނީ މިއަހަރު ފާހަގަކުރި ދުނިޔޭގެ ޓީބީ ދުވަހާ ގުޅިގެން ނެރުނު ރިޕޯޓެއްގައެވެ.
ޕާކިސްތާނުގެ ސަރުކާރާއި ޑަބްލިޔުއެޗްއޯ ގުޅިގެން އާންމުންނަށް ހަނދާންކޮށްދީފައި ވަނީ ޓީބީއަކީ ފަރުވާ ދެވޭ ބައްޔެއް ކަމަށެވެ. އަދި ބަލި ހުރިކަން އަވަހަށް ދެނެގަނެ ފަރުވާ ފެށުމަކީ ފުރާނަ ސަލާމަތް ކުރުމަށް އޮތް އެންމެ މުހިންމު މަގުކަމަށްވެސް ބުނެފައިވެއެވެ.

ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ހުރި ސަރުކާރުގެ އަދި އަމިއްލަ 2،000 އަށްވުރެ ގިނަ މަރުކަޒުތަކުން ހިލޭ ބަލި ދެނެގަތުމާއި ފަރުވާގެ ހިދުމަތް ލިބޭނެކަން ވަނީ ހާމަކޮށްފައެވެ.
ޑަބްލިޔުއެޗްއޯގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޕާކިސްތާނުގައި އަހަރަކު 669،000 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހޭއިރު، 51،000 މީހުން އަހަރަކު މަރުވެއެވެ. މިއާއެކު ޕާކިސްތާނަކީ މުޅި ދުނިޔޭގައިވެސް ފަސްވަނައަށް އެންމެ ގިނައިން ޓީބީ ބަލިމީހުން އުޅޭ ގައުމެވެ. އަދި މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން މި ބަލީގެ 73 އިންސައްތަ ހިއްސާކުރަނީ ޕާކިސްތާނުންނެވެ. ކޮންމެ ދުވަހަކު އެގައުމުގައި އަލަށް 1,800 މީހުންނަށް މި ބަލި ޖެހެއެވެ.
މިއަހަރުގެ ޓީބީ ދުވަހުގެ ޝިއާރުގެ ދަށުން، ޕާކިސްތާނުގެ ސިއްހަތާ ބެހޭ ވުޒާރާއާއި ޑަބްލިޔުއެޗްއޯއިން ވަނީ މި ބަލި ނައްތާލުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށާއި އިންވެސްޓް ކުރުމަށް ގޮވާލާފައެވެ.
ޕާކިސްތާނުގެ ހެލްތު މިނިސްޓަރު ސައީދު މުސްތަފާ ކަމާލް ވިދާޅުވި ގޮތުގައި، އިގްތިސާދީ ގޮންޖެހުންތަކާ އެކުވެސް ޕާކިސްތާނު ސަރުކާރު އޮތީ ޓީބީ ބަލި އެގައުމުން ފޮހެލުމަށް ފުރިހަމައަށް ތައްޔާރަށެވެ. އަދި މިކަމަށްޓަކައި އެކި ދާއިރާތައް ގުޅިގެންނާއި، ދާއިމީ މާލީ އެހީތެރިކަމާއެކު، ބަލިމީހުންނަށް އިސްކަންދީގެން މަސައްކަތް ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



