ޗައިނާގެ ބައެއް ސަރަހައްދުތަކުގައި އާދަކާދަ އޮންނަ ގޮތުން މަރުވާ މީހުންގެ ހަށިގަނޑު އަންދާލުމަށްފަހު، އޭގެ އަޅި ރައްކާކުރުމަށް އަގުހެޔޮ އެޕާޓްމަންޓްތައް ބޭނުންކުރާ ސަގާފީ އާދަ ޗައިނާ ސަރުކާރުން މަނާކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ޗައިނާގެ ގަބުރުސްތާނުތަކުގައި ވަޅުލުމުގެ އަގު ބޮޑުވުމުގެ ސަބަބުން، މަރުވާ މީހުންގެ އަޅި ބެހެއްޓުމަށް ގިނަ ބަޔަކު އާންމު ދިރިއުޅޭ އެޕާޓްމަންޓްތައް ކުއްޔަށް ހިފައި ގަންނަމުންދާ ދަނޑިވަޅެއްގައެވެ.
"ބޯން-އޭޝް އެޕާޓްމަންޓް" ތަކަކީ މީހުން މަދުން އުޅޭ ރެސިޑެންޝަލް ކޮމްޕްލެކްސްތަކުން ޔުނިޓްތައް ގަނެ، އާއިލާގެ މަރުވެފައިވާ މީހުންގެ އަޅި ރައްކާކުރުމަށް ބޭނުންކުރާ ތަންތަނެވެ. ޗައނާ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، އާންމު ގަބުރުސްތާނަކުން ތަނެއް ހޯދުމަށްވުރެ މިފަދަ އެޕާޓްމަންޓެއް ގަތުން އަގުހެޔޮވެފައި، އެ ތަނުގެ ކަންކަން ބެލެހެއްޓުމުގައި އާއިލާތަކަށް އަމިއްލަ އިޚުތިޔާރު އޮވެއެވެ.

ޗައިނާ މީހުންނަށް މިފަދަ ކަންކަމަކީ އިންވެސްޓްމަންޓަކަށް ވުމުގެ އިތުރުން، ދީނީ އަދި ސަގާފީ އާދަކާދަތައް ކުރިއަށް ގެންދިއުމަށް ފަސޭހަވެގެންދާކެމެކެވެ. ނަމަވެސް، ހޯމަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި އައު ގަވާއިދުގައި ވަނީ މީހުން ދިރިއުޅޭ އިމާރާތްތައް މަރުވާ މީހުންގެ އަޅި ބެހެއްޓުމަށް ބޭނުންކުރުން މަނާކޮށްފައެވެ.
ޗައިނާގެ މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، "ބޯން-އޭޝް އެޕާޓްމަންޓް" ތައް ފާހަގަކުރަން އެނގެނީ ބޭރުން ބަލާއިރު ކުޑަދޮރުތައް ބަންދުކޮށްފައި ހުރުމާއި ނުވަތަ އަބަދުވެސް ދޮރުފޮތިތައް ދަމާފައި ހުންނާތީއެވެ.
ޗައިނާ ކޮމިއުނިސްޓް ޕާޓީން ހިންގާ "ލީގަލް ޑެއިލީ" ނޫހަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި، އޭނާ ދިރިއުޅޭ ސަރަހައްދުގެ އެޕާޓްމަންޓެއްގެ އެތެރެ ބަލައިލިއިރު ފެނުނީ ކަޅު ކުލައިގެ ފޮށި ތަކެކެވެ، މިއީ މަރުވެފައިވާ މީހުންގެ އަޅި ރައްކާކޮށްފައިވާ ތާބޫތުތަކެވެ.






