ޕާކިސްތާންގެ އިސްލާމްއާބާދު ސަރަހައްދުގައި ހިންގާ ހުރިހާ އަމިއްލަ ސްކޫލްތަކެއްގެ ކިޔެވުން ހަފްތާއަކު 4 ދުވަހަށް ބަދަލުކުރުމަށް ނިންމައިފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މި ބަދަލަކީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށާއި ތެޔޮ އިގްތިސާދު ކުރުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ. މި ނިންމުމާއެކު، އިސްލާމްއާބާދުގައި ހިންގާ ހުރިހާ ޕްރައިވެޓް ތައުލީމީ މުއައްސަސާތަކެއްގައި ކިޔަވައިދޭނީ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ޕަންޖާބު ޕްރޮވިންސްގެ ސްކޫލްތައް ވެސް ހުކުރު ދުވަހު ބަންދުވާނެ ކަމަށް އިއުލާނުކޮށްފައިވެއެވެ. ޕަންޖާބުގެ ސަރުކާރު އަދި އަމިއްލަ ސްކޫލްތަކުގައި ވެސް ކިޔަވައިދޭނީ ހޯމަ އިން ބުރާސްފައްޗަށެވެ. އެ ޕްރޮވިންސްގެ ސްކޫލްތަކުގެ ވަގުތުތަކަކީ ހެނދުނު 8:00 އިން މެންދުރުފަހު 1:30 އަށެވެ. އަދި ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގެ ފުރަތަމަ ދަންފަޅި 8:00 އިން 12:30 އަށް ކުރިއަށްދާއިރު، ދެވަނަ ދަންފަޅި ކުރިއަށްދާނީ މެންދުރު 1:00 އިން ހަވީރު 5:30 އަށެވެ.
މި ބަދަލުތައް ގެނެސްފައިވަނީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިއުމާ ގުޅިގެންނެވެ. ތެޔޮ އިގްތިސާދު ކުރުމަށްޓަކައި މާޗް 10 އިން 31 އަށް ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު، އަލުން ހުޅުވާފައިވަނީ އޭޕްރިލް 1 ވަނަ ދުވަހުއެވެ. ސްކޫލްތައް ބަންދުކޮށްފައި އޮތް މުއްދަތުގައި ކިޔަވައިދިނުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.
ސިންދު ޕްރޮވިންސްގެ ސަރުކާރުން ވެސް ވަނީ އޭޕްރިލް 1 އިން ފެށިގެން ސްކޫލްތަކުގައި އިންޕާސަން ކްލާސްތައް ފެށުމަށް ނިންމާފައެވެ. ސިންދު ގައި ހުރިހާ ސްކޫލްތަކާއި ކޮލެޖްތަކެއް ހޮނިހިރު ދުވަހު ބަންދުވާނެ ކަމަށެވެ. އަދި ޕްރޮވިންސްގެ ސްކޫލްތަކުގައި ހޮނިހިރު އަދި އާދީއްތަ ދުވަހު ކިޔެވުން ނޯންނާނެއެވެ.





