ޕާކިސްތާނުގެ ބަންނޫގައި ހުންނަ ޑޯމެއިލް ޕޮލިސް ސްޓޭޝަނަށް ޖާނު ގޮއްވާލައިގެން ދިން ހަމަލާއެއްގައި 5 މީހުން މަރުވެ 18 މީހުން ޒަޚަމްވެއްޖެއެވެ. މި ހަމަލާ ދީފައިވަނީ ގޮވާތަކެތި ހަރުކޮށްފައިވާ ކާރެއް ފުލުހުންގެ މަރުކަޒުގެ ގޭޓުގައި ޖައްސައި ގޮއްވާލައިގެންނެވެ.
ރީޖަނަލް ޕޮލިސް އޮފިސަރު ސައްޖާދު ޚާން މީޑިއާށް މަޢުލޫމާތު ދެއްވި ގޮތުގައި، މި ބާރުގަދަ ގޮވުމުގެ ސަބަބުން ފުލުހުންގެ މަރުކަޒުގެ ކައިރީގައި ހުރި ބައެއް ގެތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ތިން އަންހެނުންނާއި، ފިރިހެނަކާއި ކުޑަކުއްޖަކު ހިމެނެއެވެ. ހާދިސާގައި ޒަޚަމްވި މީހުންނާއި މަރުވި މީހުންގެ ހަށިތައް މިހާރު ވަނީ ކައިރީގައި ހުރި ހޮސްޕިޓަލަށް ބަދަލުކުރެވިފައެވެ.
ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި ހަމަލާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި ތަޙުޤީޤު ކުރަމުންނެވެ. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާޢަތަކުން އުފުލާފައެއް ނުވެއެވެ.




