ޕާކިސްތާނުގައި ކުޑަކުދިން މަޖުބޫރު ކޮށްގެން ދީން ބަދަލުކުރުވައި، ކައިވެނިކުރުވާ މައްސަލަތައް ތަހުގީގު ކުރުމަށް މިނިވަން ޕާލަމެންޓަރީ ކޮމިޝަނެއް އުފެއްދުމަށް 'އޯލް ޕާކިސްތާން މައިނޯރިޓީސް އެލަޔަންސް' ގެ ޗެއާމަން އަދި ކުރީގެ ފެޑަރަލް މިނިސްޓަރު ޑރ. ޕޯލް ޖެކޮބް ބަޓީ ސަރުކާރަށް ގޮވާލައްވައިފިއެވެ.
ޑރ. ބަޓީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ތަކުރާރުކޮށް ހިނގަމުންދާ މިފަދަ ހާދިސާތަކަކީ އިންސާނީ ހައްގުތަކާއި، ކުޑަކުދިންގެ ހައްގުތަކުގެ އިތުރުން ދީނީ މިނިވަންކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި މިއީ ކޮންމެ ފަރުދެއްގެ އިންސާނީ ކަރާމާތަށް އުނިކަން އަންނަ، ނުހަނު ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މި ގޮވާލުން އައިސްފައިވަނީ ޕާކިސްތާނުގެ ފެޑަރަލް ކޮންސްޓިޓިއުޝަނަލް ކޯޓުން (އެފްސީސީ) ނިންމި ނިންމުމަކާ ގުޅިގެން ގައުމުގެ އެކި ހިސާބުތަކުގައި އިހުތިޖާޖުތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެ ކޯޓުގެ ދެ ފަނޑިޔާރުންގެ ބެންޗަކުން ވަނީ، އުމުރުން 13 އަހަރުގެ މާރިއާ ޝަހްބާޒަކީ 'ބޮޑުވެފައިވާ' ކުއްޖެއް ކަމަށް ކަނޑައަޅައި، އޭނާ އިސްލާމްދީނަށް ބަދަލުވުމާއި 30 އަހަރުގެ ޝެހްރިޔާރު އަހުމަދާ ކުރި ކައިވެންޏަކީ ސައްހަ ކައިވެންޏެއް ކަމަށް ނިންމާފައެވެ.
މާރިއާގެ އާއިލާއިން އޭނާގެ އުމުރު ސާބިތުކޮށްދޭ ލިޔެކިޔުންތައް ހުށަހެޅި ނަމަވެސް، ކޯޓުން ވަނީ އެ ހެކިތަކަށް އިންކާރުކޮށްފައެވެ. ސެޝަންސް ކޯޓުގެ އަމުރަށް ހިންގި ތަހުގީގަކުން ކައިވެނީގެ ސެޓްފިކެޓަކީ އުފައްދާފައިވާ އެއްޗެއްކަން އެނގިފައިވާއިރު، ޔޫނިއަން ކައުންސިލުން ވެސް ވަނީ އެފަދަ ކައިވެންޏެއް ރެކޯޑު ކުރެވިފައި ނުވާކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް މަތީ ކޯޓުން މި ކައިވެނި ސައްހަ ކަމަށް ނިންމުމަކީ ކުށްވެރިންނަށް ދެވޭ ނުރައްކާތެރި މެސެޖެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
ޑރ. ބަޓީ ބަޔާންކުރެއްވި ގޮތުގައި، ކުޑަކުއްޖަކަށް ދީން ބަދަލުކުރުމާއި ކައިވެނިކުރުން ފަދަ ބޮޑެތި ކަންކަމުގައި އަމިއްލަ މިނިވަން އިޚްތިޔާރު ބޭނުމެއް ނުކުރެވޭނެއެވެ. އެހެންކަމުން، މަޖުބޫރުކޮށްގެން ނުވަތަ ބިރުދައްކައިގެން ނިންމާ މިފަދަ ނިންމުންތައް މިނިވަން ފަރާތަކުން ފުރިހަމައަށް ތަހުގީގު ކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވެއެވެ.
މީގެ އިތުރުން، އެފްސީސީގެ ނިންމުން އަލުން މުރާޖައާކޮށް، ޕާކިސްތާނުގެ ގާނޫނުއަސާސީއާއި ކުޑަކުދިންގެ ހައްގުތަކާބެހޭ އދ. ގެ މުއާހަދާއާ އެއްގޮތަށް އަމަލުކުރުމަށް އޭނާ ގޮވާލެއްވިއެވެ. އޭނާ ހުށަހެޅުއްވީ އިންސާނީ ހައްގުތަކާބެހޭ މާހިރުންނާއި، ހުރިހާ ދީނީ މުޖުތަމައުތަކުގެ މަންދޫބުން ހިމެނޭ ގޮތަށް ޕާލަމެންޓުން ފާސްކުރާ މިނިވަން ރިވިއު ޕެނަލެއް އުފެއްދުމަށެވެ.




