ގައުމުގެ ދިފާއުގައި ފުރާނަ ގުރުބާންކުރަން 14 މިލިއަނަށްވުރެ ގިނަ އީރާނު ރައްޔިތުން ތިބީ ތައްޔާރަށް: ރައީސް ޕެޒެޝްކިއަން

އެމެރިކާ އާއި އިޒްރޭލުން  ކުރާ ސޮލީބީ ސަހުޔޫނީ ހަނގުރާމައިން ގައުމު ދިފާއުކުރުމަށްޓަކައި 14 މިލިއަނަށްވުރެ ގިނަ އީރާނު ރައްޔިތުން ފުރާނަ ގުރުބާންކުރަން ލިސްޓު ކޮށްފި ކަމަށް ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޕެޒެޝްކިއަން ވިދާޅުވީ، "އީރާނުގެ ދިފާއުގައި ފުރާނަ ގުރުބާން ކުރުމަށް ތައްޔާރަށް ތިބިކަން މިހާތަނަށް 14 މިލިއަނަށްވުރެ ގިނަ ފަހުރުވެރި އީރާނު ރައްޔިތުން ވަނީ އިއުލާންކޮށްފައި" ކަމަށެވެ. މި ހަރަކާތަކީ ގައުމީ އެއްބައިވަންތަކަން ގާއިމުކުރުމުގެ މަގްސަދުގައި މިދިޔަ މަހު ފެށި "ޖާންފަދާ (އީރާނަށްޓަކައި ފުރާނަ ގުރުބާންކުރުން)" ކެމްޕޭނުގެ ބައެކެވެ.

މި މަހުގެ ކުރީކޮޅު އީރާނުގެ ޕާލަމެންޓުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވެފައިވަނީ ގައުމު ދިފާއުކުރުމަށް ހަތިޔާރު އުފުލުމަށް 7 މިލިއަނެއްހާ ރައްޔިތުން ތައްޔާރަށް ތިބި ކަމަށެވެ. މިއީ އެމެރިކާ އާއި އިޒްރޭލުން މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އީރާނާ ދެކޮޅަށް ފެށި ސޮލީބީ ސަހުޔޫނީ ހަނގުރާމައާ ގުޅިގެން ރައްޔިތުންގެ މެދުގައި އުފެދިފައިވާ ގައުމީ ރޫހެއް ކަމަށް ވިދާޅުވިއެވެ.

ހަނގުރާމަ ފެށުނު ފަހުން އީރާނުގެ ސަލާމަތީ ބާރުތަކުން ވަނީ ސޮލީބީންނާއި ސަހުޔޫނީންނަށް ރައްދު ދިނުމުގެ ގޮތުން "ވައުދުއްސާދިޤު 4″ ގެ ނަމުގައި 100 އަށްވުރެ ގިނަ އަސްކަރީ ހަރަކާތްތައް ހިންގާފައެވެ. މި ހަރަކާތްތަކަކީ އިދިކޮޅު ބާރުތަކުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަންތަކެކެވެ.

ރައީސް ޕެޒެޝްކިއަންގެ މެސެޖު ނިންމާލައްވަމުން ވިދާޅުވީ، އޭނާ އަކީވެސް އީރާނަށްޓަކައި ފުރާނަ ގުރުބާންކުރުމުގައި ދެމިހުންނާނެ މީހެއް ކަމަށެވެ. "އަޅުގަނޑަކީވެސް، އީރާނަށްޓަކައި ފުރާނަ ގުރުބާންކުރުމުގައި ދެމިހުރި، އަދި ކުރިއަށް އޮތް ތަނުގައިވެސް އެގޮތުގައި ދެމިހުންނާނެ މީހެއް،" ރައީސް ވިދާޅުވިއެވެ. ޕަޒަކްޝިއާންވެސް ވަނީ ޖާންފަދާންގައި އޭނާގެ ނަންވެސް ލިސްޓު ކުރުވާފައެވެ.

ހިއްސާ ކުރައްވާ!