އީރާނުން ދިން ހަމަލާތަކުގެ ބަދަލު އެ ގައުމުން ދޭންޖެހޭނެ ކަމަށް ޔޫއޭއީން ބުނެފި

އިސްރާއީލަށް ވާގިވެރިވާ ޔުނައިޓެޑް އެރަބް އެމިރޭޓްސް އިން ބުނަނީ ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް އީރާނުން ދީފައިވާ ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު އެ ގައުމުން ދޭންޖެހޭނެ ކަމަށެވެ. އަދި މިހާރު އިއުލާނުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ތެހެރާނުން ދެމުންދާ ހަމަލާތައް ހުއްޓާލައި ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވާނެކަމުގެ ޔަގީންކަން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ ގައުމުން ބުނެފައިވެއެވެ.

އެމެރިކާއާއި އީރާނާ ދެމެދު 40 ދުވަހަށް ހިނގި ކުރިމަތިލުންތަކުގައި އީރާނަށް ގިނަ ހަމަލަތައް އައިސްފައި ވަނީ ޔޫއޭއީންނެވެ. ޕާކިސްތާން މެދުވެރިވެގެން ދެ ހަފުތާގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، އެ އެއްބަސްވުމަކީ ނާޒުކު އެއްބަސްވުމެއްކަން ވަނީ ހާމަވެފައެވެ.

ޔޫއޭއީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ސަރަހައްދުގައި ހިންގާ ހުރިހާ ހަނގުރާމަވެރި އަމަލުތަކެއް ވަގުތުން ހުއްޓާލުމަށާއި، އެއްވެސް ޝަރުތަކާ ނުލައި ކަނޑުއޮޅި ފުރިހަމައަށް ހުޅުވާލުމަށް އީރާނުން ފުރިހަމައަށް ޒިންމާވާނެ ކަން ކަށަވަރު ކުރުމަށްޓަކައި، އެއްބަސްވުމުގެ މާއްދާތަކާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް މަސައްކަތް ކުރަމުންދާ" ކަމަށެވެ. އަދި އީރާނުގެ ހަމަލާތަކާ ގުޅިގެން ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި، އީރާނުން ލިބުނު ގެއްލުންތަކަށް ފުރިހަމައަށް ޒިންމާދާރުކުރުވައި ބަދަލު ހޯދަންޖެހޭނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ޔޫއޭއީގެ ރައީސްގެ މުޝީރު އަންވަރު ގަރްގާޝް ބުނެފައި ވަނީ މި ހަނގުރާމައިން ކާމިޔާބުވީ ގައުމަކީ ޔޫއޭއީ ކަމަށެވެ. އަދި ޔޫއޭއީން ސަރަހައްދަށް ސަލާމަތްކަން ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

އަރަބި މީޑިއާ ސިފަ ކުރާ ގޮތުގައި އަންވަރު ގަރްގާޝްއަކީ އަރަބި ސަހުޔޫނީ ފިކުރުގެ މީހެކެވެ.

މި ހަމަލާތަކުގައި އީރާނުން ވަނީ އެމެރިކާގެ އަސްކަރީ މަރުކަޒުތަކުގެ އިތުރުން އެމެރިކާއިން ބޭނުން ކުރި އިންފްރާސްޓްރަކްޗަރތަކަށްވެސް އަމާޒުކޮށްފައެވެ. އޭގެ ތެރޭގައި އެމެރިކާ މީހުން ފިލަންވަންތަންތަނާއި ސަރަހައްދުތައް ހިމެނެއެވެ. ޔޫއޭއީން ވަނީ އީރާނުގެ ނިއުކްލިއާ ގާބިލުކަމާއި، ބެލިސްޓިކް މިސައިލާއި، ޑްރޯން ފަދަ ނުރައްކާތަކަށް ހައްލެއް ހޯދުމަށް ގޮވާލާފައެވެ.

ޔޫއޭއީއަކީ ކުވެއިތު ހަނގުރާމައަށް ފަހު އެމެރިކާ ސަރަހައދަށް ގެނަސްގެން އަރަބިންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރާނެ ބަޔަކީ ގަލްފްގެ އަރަބި ގައުމުތައް ކަމަށް ބުނި ގައުމެވެ. މިސްރުގެ ކުރީގެ ފޮރިން މިނިސްޓަރ އަމްރޫ މޫސާ އެކަމަށް ރައްދު ދެއްވަމުން ވިދާޅުވީ ގަލްފްގެ އަރަބިންނަކީ ބަޑިއެއް ޖަހަންވެސް ދަންނަ ފެންވަރުގެ ބައެއް ނޫންކަމުން އެމެރިކާގެ އެހީތެރިކަމާއެކު އެ މީހުން ހޯދާ ސަލާމަތީ ރައްކާތެރިކަމަކުން އަރަބިން ހިމާޔަތް ކޮށްދެވޭނީ ކިހިނެއް ހެއްޔެވެ؟ އެންމެ ފަހުން ސޮލީބީ ސަހުޔޫނީ ހަނގުރާމައިންވެސް ފެނިގެން ދިޔައީ އެފަދަ މަންޒަރެކެވެ.

ޔޫއޭއީއަކީ މިހާރު އީރާންގެ ހަތުރެކެވެ. އަދި ޔޫއޭއީން ވަނީ އީރާނުގައި ހުންނަވާ އެ ގައުމުގެ ސަފީރު އަނބުރާ ގެންގޮސް، އެމްބަސީ ބަންދުކޮށްފައެވެ. މީގެ އިތުރުން، ދުބާއީގައި ހިންގާ އީރާނާ ގުޅުންހުރި ހޮސްޕިޓަލްތަކާއި، ސްކޫލްތަކާއި ކޮމިއުނިޓީ ސެންޓަރުތައްވެސް މިހާރު ވަނީ ބަންދުކޮށްފައެވެ.

ޔޫއޭއީގެ އެއާލައިންތަކުން ބުނެފައިވާ ގޮތުގައި، މަދު ހާލަތެއްގައި ނޫނީ އީރާނުގެ ރައްޔިތުން ޔޫއޭއީއަށް ވަނުން މިހާރު ވަނީ މަނާކޮށްފައެވެ. އަދި ހަނގުރާމަ ފެށުނު ފަހުން އީރާނު މީހުންނަށް ވިސާ ދޫކުރުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށްވެސް  ޓްރެވަލް އެޖެންސީތަކުން ރިޕޯޓްކުރެއެވެ.

ހިއްސާ ކުރައްވާ!