ޕާކިސްތާނުން ސްޓޭންޑަޑް ޗާޓަރޑް ބޭންކުން 600 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފި

ޕާކިސްތާނުގެ އިޤްތިޞާދީ ހާލަތު ހަމައަކަށް އެޅުވުމަށް، ސްޓޭންޑަޑް ޗާޓަރޑް ބޭންކުން (އެސްސީބީ) 600 މިލިއަން ޑޮލަރުގެ ކުރު މުއްދަތުގެ ލޯނެއް ނެގުމަށް އެޤައުމުން ނިންމައިފިއެވެ. މި ނިންމުމާއެކު ޕާކިސްތާނުގެ މާލީ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކާއި ބޭރުގެ ފައިސާ ހޯދުމުގައި ހުރި ގޮންޖެހުންތައް އަނެއްކާވެސް ވަނީ ފާހަގަވެފައެވެ.

މި ލޯނަކީ ސާފުނުކުރާ ތެލާއި އާއި ގޭސް އިމްޕޯޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ނަގާ ލޯނެކެވެ. މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ ގާތްގަނޑަކަށް 6.3 އިންސައްތައެވެ. މި ހިނގާ މާލީ އަހަރު ބޭރުގެ ކޮމާޝަލް ބޭންކުތަކުން 3.1 ބިލިއަން ޑޮލަރު ހޯދުމަށް ޕާކިސްތާނުން ބަޖެޓްކޮށްފައިވީ ނަމަވެސް، މިހާތަނަށް ލިބިފައިވަނީ އެންމެ 54 މިލިއަން ޑޮލަރެވެ. މުޅި ޖުމްލަ ބޭރުން ހޯދުމަށް ކަނޑައެޅި 26 ބިލިއަން ޑޮލަރުގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ އެންމެ 5.7 ބިލިއަން ޑޮލަރެވެ.

ޗައިނާ ޑިވެލޮޕްމަންޓް ބޭންކަށް ދައްކަންޖެހޭ 700 މިލިއަން ޑޮލަރުގެ ލޯނެއް އަނބުރާ ދެއްކުމާ ގުޅިގެން، ޕާކިސްތާނުގެ ރަސްމީ ރިޒާވް ވަނީ 15.5 ބިލިއަން ޑޮލަރަށް ދަށްވެފައެވެ. ސަރުކާރުން އުންމީދު ކުރަނީ ޖޫން މަހުގެ ނިޔަލަށް ރިޒާވް 18 ބިލިއަން ޑޮލަރަށް އިތުރުކުރުމަށެވެ. ނަމަވެސް މިއީ ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި ޗައިނާއިން ބަހައްޓާފައިވާ 12.5 ބިލިއަން ޑޮލަރުގެ ޑިޕޮސިޓްތަކަށް ބަރޯސާވެފައިވާ އަމާޒެކެވެ.

އިޤްތިޞާދީ މާހިރުން ފާހަގަކުރާ ގޮތުގައި ޕާކިސްތާނުގެ އެކްސްޕޯޓް ވަނީ 7 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި ބޭރުގެ އިންވެސްޓްމަންޓްތައް 41 އިންސައްތަ ދަށަށް ގޮސްފައިވާއިރު، މިއީ ގައުމުގެ މާލީ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމުގެ ހެއްކެކެވެ. މިފަދަ ދަތި ހާލަތެއްގައި އޮއްވައި، ޕަންޖާބު ސަރުކާރުން 42 މިލިއަން ޑޮލަރުގެ ޕްރައިވެޓް ޖެޓެއް ގަތުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

ޕާކިސްތާނުގެ ދައުލަތުގެ ދަރަނި މިހާރު ވަނީ 78.5 ޓްރިލިއަން ޕާކިސްތާން ރުޕީސްއަށް އަރާފައެވެ. މިއީ އެޤައުމުގެ ޖީޑީޕީގެ 68 އިންސައްތައެވެ. ދަރަނީގެ އިންޓްރެސްޓް ދެއްކުމަށް ކުރާ ހޭދަވެސް ވަނީ 43 އިންސައްތަ އިތުރުވެ، 6.4 ޓްރިލިއަން ރުޕީސްއަށް އަރާފައެވެ. މީގެ އިތުރުން، ބަޖެޓް ތައްޔާރުކުރުމުގައި ހަގީގަތާ ނުބައްދަލު އާމްދަނީގެ އަންދާޒާތައް ކުރުމަކީ މާލީ ނިޒާމު ބަލިކަށިވާ މައިގަނޑު އެއް ސަބަބު ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެސްސީބީގެ މި ލޯނަކީ ޕާކިސްތާނުން ތަކުރާރުކޮށް ނަގަމުންދާ ލޯނުތަކުގެ ބައެކެވެ. އެއީ ކުރު މުއްދަތުގެ ލޯނުތައް ނަގައިގެން މާލީ ހަމަޖެހުން ހޯދުމަށް މަސައްކަތް ކުރުމެވެ.

ހިއްސާ ކުރައްވާ!