ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސާލުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފި

ފޯޅަވަހި، މޮރިޝަސްއާ ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މިއަދު މަރުހަބާ ކިޔައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ދިވެހި ސަރުކާރުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.

ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ފޯޅަވަހީގެ ކުރިމަގާއި އެތަން ބަލަހައްޓާނެ ގޮތަކާ މެދު ރާއްޖޭގެ ގާނޫނީ މަސްލަހަތުތަކެއް އޮތްކަން ފާހަގަކުރާ ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ މި ނިންމި ނިންމުމުގެ ސަބަބުން، މި މައްސަލައިގައި ރާއްޖެއާއެކު އަލުން މަޝްވަރާތައް ފެށުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް ދެކޭ ކަމަށްވެސް ސަރުކާރުން ބުނެފައިވެއެވެ.

މީގެ އިތުރުން، ރާއްޖެއިން ވަނީ، މި މައްސަލައިގައި ރާއްޖޭގެ ހައްގުތަކަށް އިހުތިރާމްކުރާ، އަދި ސަރަހައްދީ ހަމަޖެހުމަށް ބާރުދޭ އިންސާފުވެރި ހައްލެއް ހޯދުމަށް އިނގިރޭސި ސަރުކާރަށް ގޮވާލާފައެވެ. އަދި އެ ހައްލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ، އިންޑިއާ ކަނޑުގެ ދެމެހެއްޓެނިވި ރައްކާތެރިކަން ކަށަވަރުކޮށްދޭ ހައްލަކަށް ވާންޖެހޭނެ ކަމަށްވެސް ސަރުކާރުން ބަޔާންކޮށްފައިވެއެވެ.

ފޯޅަވަހީގެ މިލްކުވެރިކަމާ ގުޅޭގޮތުން މޮރިޝަސް އާއި އިނގިރޭސިވިލާތާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުގެ ތެރެއިން އެ ސަރަހައްދު ހަވާލުކުރުން މަޑުޖައްސާލުމަކީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.

ހިއްސާ ކުރައްވާ!