އިޒްރޭލާއި އެމެރިކާގެ ހަމަލާތަކަށް އެހީތެރިވި ކަމަށް ބުނެ ސަރަހައްދީ ފަސް ގައުމަކުން ބަދަލު ހޯދުމަށް އީރާނުން ހުށަހަޅައިފި

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ސޮލީބީ ސަހުޔޫނީ އަސްކަރީ ހަމަލާތަކުގައި އެހީތެރިވެދީފައިވާ ކަމަށް ބުނެ، ސަރަހައްދީ 5 ގައުމަކުން ބަދަލު ހޯދުމަށް އީރާނުން އދ. އަށް ރަސްމީކޮށް ހުށަހަޅައިފިއެވެ. އީރާނުން ބަދަލު ހޯދުމަށް އެދިފައިވަނީ ބަހްރޭން، ސައުދީ އަަރަބިއްޔާ، ގަތަރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ޖޯޑަންގެ ކިބައިންނެވެ.

އދ. އަށް އީރާނުން ކަނޑައަޅާފައި ހުންނަވާ ސަފީރު އާމިރު ސައީދު އިރަވާނީ، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އަދި ސަލާމަތީ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، މި 5 ގައުމުން ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވެފައިވާ ކަމަށެވެ. އެގައުމުތަކުން ވަނީ އީރާނުގެ އަމާޒުތަކަށް ހަމަލާދިނުމަށް އެ ގައުމުތަކުގެ ބިމާއި، ވައިގެ ސަރަހައްދު ނުވަތަ އަސްކަރީ މަރުކަޒުތައް ބޭނުންކުރުމުގެ ފުރުސަތު ސޮލީބީ އެމެރިކާއަށް ދީފައެވެ.

އީރާނުގެ ސަފީރު ވިދާޅުވި ގޮތުގައި މި އަމަލުތަކުގެ ސަބަބުން ލިބުނު މާއްދީ އަދި މައުނަވީ ގެއްލުންތަކުގެ ޒިންމާ އެ ގައުމުތަކުން އުފުލަންޖެހޭނެ އެވެ. އަދި އެކަމަށް "ފުރިހަމަ ބަދަލު" ދިނުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ. މި ހަމަލާތަކަކީ ފެބްރުއަރީ 28، 2026 ގައި ފަށާފައިވާ ސޮލވބީ ސަހުޔޫނީ "އިސްތިއުމާރީ ގުޅިފައިވާ އަމަލެއް" ކަމަށްވެސް އީރާނުން ސިފަކުރެއެވެ.

މި ހަމަލާތަކުގައި އީރާނުގެ އަސްކަރީ އިންފްރާސްޓްރަކްޗާއަށް ގެއްލުންދީ ލީޑަޝިޕާއި ސައިންޓިސްޓުމން އަވަހާރަކޮށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް އެ ގައުމުން ބުނެއެވެ. މި ހަމަލާތަކުގައި އީރާނުގެ އެންމެ ލީޑަރު އަލީ ޚާމަނާއީ ވެސް ވަނީ ޝަހީދުކޮށްފައެވެ.

އީރާނުން ބަދަލު ހޯދުމަށް އެދިފައިވާ ފަސް ގައުމުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. މީގެ ކުރިން ބައެއް ގައުމުތަކުން ވަނީ އީރާނާ ދެކޮޅަށް ހިންގާ އެއްވެސް އޮޕަރޭޝަނެއްގައި ބައިވެރިނުވާ ކަމަށް ބުނެފައެވެ. ނަމަވެސް އެ ގައުމުތަކުން ދޮގު ގހަދާފައިވާކަން ސާބިތުކޮށްދެމުން އީރާނުން ވަނީ އެގައުމުތަކަށް ސެޓެލައިޓް ފޮޓޯތަކާއި ހެކި ހުށަހަޅާފައެވެ.

 

ހިއްސާ ކުރައްވާ!