ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމުން ރެޑްސީއަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ސައުދީން ދީފި

އެމެރިކާއިން ހުރުމުޒު ކަނޑުއޮޅި ބަންދުކޮށް އީރާނާ ދެކޮޅަށް ހިސާރަ ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް ގެނެސް، އީރާނާއެކު އަލުން މަޝްވަރާތައް ފެށުމަށް ސައުދީ އަރަބިއްޔާއިން އެމެރިކާއަށް ގޮވާލައިފިއެވެ. ރިޔާޒުން ބުނެފައިވާ ގޮތުގައި މިހާރު އެމެރިކާއިން ގެންގުޅޭ ސިޔާސަތުގެ ސަބަބުން އީރާނުން ބަދަލުހިފުމުގެ ގޮތުން ދޭ ހަމަލާތަކެއްގައި، ރެޑްސީފަދަ ދުނިޔޭގެ މުހިންމު ކަނޑުގެ ދަތުރުފަތުރުގެ މަގުތަކަށް ބުރޫއަރާފާނެއެވެ.

ސައުދީ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރަށް ހުރުމުޒު ކަނޑުއޮޅި ބަންދުކުރުމުން، އީރާނުން އެގައުމުގެ ރައްދު ހަމަލާތައް ގަލްފުގެ ސަރަހައްދުން ބޭރަށް ފުޅާކުރުމުގެ ފުރުސަތު ބޮޑެވެ. މިގޮތުން ރެޑްސީގެ ބާބުލް މަންދަބު ކަނޑުއޮޅިއަކީ ނާޒުކު ތަނެއްގެ ގޮތުގައި އޮފިޝަލުން ފާހަގަކުރައްވައެވެ. ސައުދީގެ ތެލުގެ އެކްސްޕޯޓްގެ ބޮޑު ބައެއް މިހާރު ދަތުރުކުރަނީ ބާބުލްމަންދަބު ސަރަހައްދުން ކަމަށްވާއިރު، އެތަނަށް ދޭ އެއްވެސް ހަމަލާއެއްގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށާއި ވިޔަފާރި އުޅަނދުފަހަރަށް ވަގުތުން ނޭދެވޭ އަސަރު ކުރާނެއެވެ.

ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ސޮލީބީ ސަހުޔޫނީ ހަމަލަތައް ފެށުމުގެ ކުރިން، ހުރުމުޒު ކަނޑުއޮޅިން ދުވާލަކު 100 އާއި 138 އާ ދެމެދުގެ އަދަދަކަށް އުޅަނދުފަހަރު ދަތުރުކުރެއެވެ.

ސައުދީ ސަރުކާރުން ވަނީ ބޮޑު ކާރިސާއަކުން ސަލާމަތްވުމަށްޓަކައި ޑިޕްލޮމެޓިކް މަގު އިޚްތިޔާރު ކުރުމަށް ގޮވާލާފައެވެ. އޮފިޝަލުން ވިދާޅުވީ ދުނިޔޭގެ ވިޔަފާރި މަގުތައް ރައްކާތެރިކުރުމަށާއި ހަމަޖެހުން ގާއިމުކުރުމަށް ދެމެހެއްޓެނިވި މަޝްވަރާތައް ބޭނުންވާ ކަމަށެވެ. އަދި ކުރިމަތިލުންތައް ކުރިއަށްދާނަމަ، އޭގެ ނޭދެވޭ އަސަރު ގަލްފް ސަރަހައްދުގެ އިތުރުން ރެޑްސީއަށްވެސް ފެތުރިގެންދާނެ ކަމަށް ވަނީ އިންޒާރު ދީފައެވެ.

ސައުދީ އަރަބިއްޔާއިން ބުނީ ހަމަނުޖެހުމުގެ ނުރައްކާތައް ކުޑަކުރުމަށާއި ކަނޑުގެ ދަތުރުފަތުރުގެ މަގުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ބައިނަލްއަގުވާމީ ބައިވެރިންނާއެކު ސައުދީން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

 

ހިއްސާ ކުރައްވާ!