ޕާކިސްތާނުގައި އެޗްއައިވީ ފެތުރުމާ ގުޅިގެން ރައްކާތެރި ނޫން ސިއްހީ އުސޫލުތަކުގެ އިންޒާރު ދީފި

ޕާކިސްތާނުގެ ތައުންސާގައި ހުންނަ ޓީއެޗްކިއު ހޮސްޕިޓަލުގައި ކުޑަކުދިންގެ މެދުގައި އެޗްއައިވީ ފެތުރެމުންދިޔަ ނަމަވެސް، އެ ހޮސްޕިޓަލުގައި ރައްކާތެރި ނޫން ސިއްހީ އުސޫލުތައް ބޭނުންކުރަމުންދާ ކަމަށް ބުނެ 'ޕާކިސްތާން އޮބްޒާވަރ' ނޫހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ނޫހުގެ އެޑިޓޯރިއަލްގައި ފާހަގަކޮށްފައިވާ ގޮތުގައި، ބަލި ފެތުރެމުންދާކަން އެނގި ތިބެމެ، އެއްފަހަރު ބޭނުންކޮށްފައިވާ ސިރިންޖާއި ތަޣައްޔަރުވެފައިވާ ވަސީލަތްތައް އަލުން ބޭނުންކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ބީބީސީން ކުރިއަށް ގެންދިޔަ ތަހުގީގަކުން ހާމަވެފައިވާ ގޮތުގައި، އެ ހޮސްޕިޓަލުގައި ލައިގެން ހުންނަ ހެދުމުގެ މަތިން އިންޖެކްޝަން ޖެހުމާއި، ތަމްރީނު ލިބިފައި ނުވާ އެހީތެރިން ބޭނުންކުރުމާއި، އަދި ރައްކާތެރިކަމެއް ނެތް ގޮތަށް ސިރިންޖު ކަށިތައް ގެންގުޅުން ފަދަ ނުރައްކާތެރި އަމަލުތައް ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން، ބޭސް އަޅާފައި ހުންނަ ފުޅިތައް ތަޣައްޔަރުވެފައި ހުރިކަން ވެސް އެ ތަހުގީގަށް ވަނީ އެނގިފައެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މަދުވެގެން 331 ކުޑަކުދިން ވަނީ އެޗްއައިވީއަށް ޕޮޒިޓިވް ވެފައެވެ. ސްކްރީނިންގް ތަކުން ދައްކާ ގޮތުގައި ބަލި ޖެހުނު ކުދިންގެ މައިންބަފައިންގެ ތެރެއިން ބަލި ހުރީ ވަރަށް މަދު ބައެއްގެ ކިބައިގައެވެ. މިއީ ހޮސްޕިޓަލުގެ ފަރުވާދިނުމުގެ ތެރެއިން ބަލި ފެތުރުނު ކަމުގެ ވަރުގަދަ ހެއްކެއް ކަމަށް ބުނެއެވެ.

މި މައްސަލައާ ގުޅިގެން 2025 ވަނަ އަހަރުގެ މާރިޗު މަހު ހޮސްޕިޓަލުގެ މެޑިކަލް ސުޕްރިންޓެންޑެންޓް ސަސްޕެންޑް ކުރި ނަމަވެސް، އުސޫލުތަކާ ހިލާފުވުން ހުއްޓިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ހޮސްޕިޓަލުގެ ކުނި ނައްތާލުމުގެ ނިޒާމު ދޯހަޅިވުމާއި، ވަސީލަތްތައް ސާފުކުރުމުގެ ބަލިކަށި އުސޫލުތަކުގެ އިތުރުން، ބޭހުގެ ދަތިކަން ކުރިމަތިވުމުން އިންޖެކްޝަނަށް މާބޮޑަށް ބަރޯސާވުން ފަދަ މައްސަލަތައް ވެސް ވަނީ ފާހަގަވެފައެވެ.

ޕާކިސްތާން އޮބްޒާވަރ އިން ވަނީ މިކަމުގައި މިނިވަން އަދި ހާމަކަން ބޮޑު ތަހުގީގެއް ހިންގައި، ހޮސްޕިޓަލުގެ އިސް މެނޭޖްމަންޓް ޖަވާބުދާރީ ކުރުވުމަށް ގޮވާލާފައެވެ. އަދި ސަރުކާރު ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަށީގެންވާ ތަމްރީނު ދިނުމާއި، އިންފެކްޝަން ކޮންޓްރޯލް ކުރާނެ އުސޫލުތައް ގާއިމުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެ ނޫހުން ބުނެއެވެ.

އެޑިޓޯރިއަލް ނިންމާލަމުން ބުނެފައިވަނީ، ހޮސްޕިޓަލްތަކަކީ އިންސާނުންގެ ފުރާނަ ސަލާމަތްކޮށްދޭ ތަންތަނަށް ވާންޖެހޭނެ ކަމަށާއި، އާންމު ސިއްހީ ހިދުމަތްދޭ މުއައްސަސާތަކުގެ އިހުމާލު ބަލައިނުގަނެވޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!